ads
ރައީސް ސޯލިހު ---ފޮޓޯ:އެމްޑީޕީ
ލޯނު ދައްކާނީ ރީ-ފައިނޭންސް ކޮށްގެން: ރައީސް
މި ސަރުކާރުން ދަރަނި ދެއްކުމުގައި އެއްވެސް ވަރެއްގެ ހާސްކަމެއް ނެތް ކަމަށާއި، ދަރަނި ދެއްކުމުގައި ރީފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

2026 ވަނަ އަހަރާއި ހަމައަށް އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ. 

ހދ. ކުޅުދުއްފުށީގައި ބޭއްވި ބޮޑު ޖަލްސާގައި ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ރޭ ވިދާޅުވީ، އިދިކޮޅުގެ ކެންޑިޑޭޓުން މި ސަރުކާރަށް އަމާޒުކޮށް އެންމެ ބޮޑަށް ކުރަނީ ލޯނުތައް ނުދެއްކި ގައުމު ބަނގުރޫޓު ކޮށްލާނެ ކަމުގެ ތުހުމަތު ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވީ އެއީ "ހަމަ ބުހުތާނު ބޮޑު ދޮގު" ކަމަށެވެ.

"އެނގި ތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް އެއީ. ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންތިހާބަށް އެންމެ ފަސް ދުވަހަށް ވީ އިރު، އެ މަނިކުފާނާ ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް 2026 ވަނަ އަހަރުގެ ލޯނު އަނބުރާ ދައްކާނެ ގޮތް ވިދާޅުވެ ނުދެއްވުނު ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ޕްލޭން އެބައޮތް. އެއިން ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރަން އަޅުގަނޑުމެން ވަނީ ނިންމައިފައި. މިހާރު ވެސް އެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކޮވިޑުގެ ތެރޭގައި ނެގި 500 މިލިއަން ޑޮލަރުގެ ސްކޫކް ފައިސާގެ ތެރެއިން 250 މިލިއަން ޑޮލަރު ދެއްކީ ކުރީގެ ސަރުކާރުން ނަގާފައި ހުރި ސަނީ ސައިޑް ބޮންޑަށް ކަމަށެވެ.

ލޯނު ދައްކަން ސަރުކާރަށް ދަތިކަމެއް ނެތް ކަމަށް ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ ބޭރުގެ މާލި އިދާރާތަކުންނާއި ގައުމުތަކުން ރާއްޖެއަށް ލޯން ދެނީ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮންނާތީ ކަމަށެވެ. ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ވެސް 45 ބިލިއަން ރުފިޔާ އިން މައްޗަށް ޖެހޭނެ ކަމަށެވެ. އެހެންވެ ރިޔާސީ ދެވަނަ ދައުރުގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދު ވަނީވެސް ހިސާބު ޖަހާ ޕްލޭން ކޮށްގެން ކަމަށް ވިދާޅުވި އެވެ. 

ބޭރު ގައުމުތަކުން ލޯނާއި ފައިސާ ދެނީ އިތުބާރުގެ މައްޗަށް ކަމަށާއި އެ ނަގާ ފައިސާ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީން ކަމާއި އެ ފައިސާ ހަރަދު ކުރާނެ ގޮތް ވަރަށް ސާފުކޮށް ހާމަކޮށްދެވިއްޖެ ނަމަ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް