ads
މިއަދު އަކްރަމް ކަމާލުއްދީން ގުޅީފަޅުގައި.. ފޮޓޯ: ރިލްވާން މޫސާ
ގުޅީފަޅުގެ ބޮޑު ބައެއް ހިއްކައި ގޯތި ދޫކުރަން ފަށައިފި
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ގުޅީފަޅުން ބޮޑު ބައެއް ހިއްކައި ގޯތި ދޫކުރަން މިއަދު ފަށައިފިއެވެ.
Advertisement

ޕްލޭނިން މިނިސްޓްރީން މިއަދު ގުޅީފަޅުގައި ގޯތި ލިބޭ ފަރާތްތަކާއެކު ވަނީ މި ސަރުކާރުގެ ވައުދާއެކު އިން ވަކިކޮށް ރޯނު ދަމައި ގޯތި ދޫކުރުމުގެ މަސައްކަތް ފަށާފައެވެ. 

ގޯތ ލިބޭ ފަރާތްތަކުގެ ތެރެއިން 26 ފަރާތަކަށް މިއަދު ވަނީ އިން ވަކި ކުރުމަށްފަހު ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވާފައެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން 1،351 ބިމާއި ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. 

ހުޅުމާލެއިން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ގޯތީގެ ރަޖިސްޓްރީ އާއެކު ހަވާލުކޮށްފައެވެ. 

"ސީއެންއެމް" އަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ފުލެޓާއި ގޯތީގެ ޗެއާމަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ގުޅީ ފަޅުންނާއި، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކޮށްފައި ވަނީ ނުހިއްކައި އޮތް ސަރަހައްދުން ކަމަށްވިދާޅުވެ ބަޔަކު ފާޑު ކިޔަސް އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. 

"ތިބޭފުޅުން ބައްލަވާ. މިއޮތީ އަޅުގަނޑުމެން މި ގޯތި ލިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ހިއްކާފައި އޮތް ބޮޑު ސަރަހައްދު. މިހާރު މި އުޅެނީ ގޯތި ލިބޭ އެންމެންނަށް ގޯތިތައް ހަވާލުކުރަން. ދެން ބަޔަކު ފާޑު ކިޔަސް އެއީ މުޅިން ހަގީގަތާއި ހިލާފު ދޮގުކަން ފެންނާނެ ދެއްތޯ؟" ގުޅީ ފަޅު ހިއްކި ބިމުގައި ހުންނަވައި އަކްރަމް މިއަދު ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ ގޯތި ލިބުނު އެންމެންނަށްވެސް ލޯނު ލިބޭގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގެ ތެރޭގައި މިހާރު ހިމަނުއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ސަރަހައްދަށް {ގުޅީފަޅާއި، ގިރާވަރު ފަޅަށް} ތަރައްގީގެ ގނަ މަޝްރޫއުތައް ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށެވެ. 

އަކްރަމް ވިދާޅުވެފައިވަނީ ގޯތި ކެނޑުމަށްފަހު ދޭ ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް ކަމަށާއި އެ ރަޖިސްޓްރީ އާ މެދު އިތުރު ސުވާލެއް ނުއުފެދޭނެ ކަމަށެވެ. ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުން ދާނީ ގާނޫނީ ވަކީލުން ކަމަށް އަކްރަމް ވިދާޅުވިއެވެ. 

މީގެކުރިން ބިން ނެތް ތަންތަނުން ގޯތި ދޫކޮށްފައި ހުރި ކަމުގެ ލިޔުންތައް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން އެކަން ކުރާނީ އެގޮތަށް ނޫން ކަމަށާއި ގޯތި ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީހަކަށް ކުރިން ލިބިފައިވާ ބިން ދޫކޮށްލުމުގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށްދެއްވަމުން އަކްރަމް ވިދާޅުވީ ގޯތި ލިބެނީވެސް 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮވެއްޖެ ނަމަ ކަމަށެވެ. އެ ބިން ދޫކޮށްލުމަށް ދޭ ތިން މަސް ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅައިގެން ނިންމުމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި ބިން އެކީ ދޫކޮށްލުމަށް ނިންމަން ޖެހޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމުން ގޯތި ލިބުމާ ގުޅިގެން ކުރިން ލިބިފައިވާ ބިން ވަގުތުން ވަގުތަށް ދޫކޮށްލަން ނުޖެހޭނެ ކަމުގައެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ހުރިހައި މައުލޫމާތެއް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކޮންމެ ގަޑިއަކުވެސް ބެލެން ހުންނާނެއެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް