ads
ގާސިމް އިބްރާހިމް ގއ.ވިލިގިލީގެ ރައްޔިތުންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: ޖޭޕީ
ވިލިގިލީގައި އެއާޕޯޓް އެޅިޔަ ނުދީ ބަދަލު ކުރީ ރައީސް ނަޝީދު
ގއ.ވިލިގިލީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް އެރަށުގައި އެއާޕޯޓެއް އެޅިޔަނުދީ ބަދަލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ.ވިލިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، ވިލިގިލީގެ ރައްޔިތުން ބޭނުންވިގޮތަށް އެރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބެން އޮތް އެއަޕޯޓު އެރަށުގައި ނޭޅުނީ ރައީސް ނަޝީދު އެގޮތަށް ބޭނުންވުމުން ކަމަށާއި، އަދި އެއީ ވަރަށް ގޯސް ކޮށް ނިންމި ނިންމުމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެންމެ ފުރަތަމަ ދިގުރަށް ކިޔާ ފަޅު ރަށެއްގައި އެ ސަރަހައްދުގެ އެއާޕޯޓު އެޅުމަށް ނިންމާފައިވަނިކޮށް ވިލިގިލީ ފަޅު ހިއްކުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ބިން ވެސް ހިމެނުމަށް ލަފާ ދެއްވީ އެމަނިކުފާނު ކަމަށެވެ.

އަދި ރައީސް މައުމޫންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ޤާސިމް ހުންނެވިއިރު އޭރުގެ ޕްލޭނިން މިނިސްޓަރު ހަމްދޫން ހަމީދު އަނެއްކާ ވެސް ނިންމުން ބަދަލުކޮށް އެހެން ރަށެއްގައި އެއާޕޯޓް އެޅުމަށް އިއުލާން ކުރެއްވި ކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ، ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެނިންމުން ބަދަލުކޮށްދިނުމަށް އެދި ލެއްވި ކަމަށާއި، އަދި ރައީސް މައުމޫނުގެ އަރިހުގައި ބަސްވިކޭތީވެ، އެގޮތަށް ނިންމުން ބަދަލުކުރެވުނުކަމަަށް ވެސް ގާސިމް ވިދާޅުވިއެވެ. އެހެންނަމަވެސް، 2008 ވަނައަހަރު ވެރިކަން ބަދަލުވެ، ކޫއްޑޫގައި އެއާޕޯޓް އަޅަން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.  

މި ރަށުގެ އޭރު އިސްކޮށް އުޅުނު މީހުން އަޅުގަނޑާ ބައްދަލުކުރި ދިގުރަށުގައި އަޅަން އޮތް އެއާޕޯޓް މި ރަށުގައި އަޅަން. ފައިނޭންސް މިނިސްޓަރުގެ ހައުސިއްޔަތުން އަޅުގަނޑުގެ ބަސް ވިކޭތީ ރައީސް މައުމޫނުގެ އަރިހު ދެންނެވިން. ދެން ނިންމުން ބަދަލު ވެސް ކުރި،" ޤާސިމް ވިދާޅުވިއެވެ.

ޖޭޕީގެ މެނިފެސްޓޯގައި ގއ. އަތޮޅު އަދި ގދ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުން ހިމެނޭއިރު ޤާސިމް ވިދާޅުވީ ކޫއްޑޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރައްވާނެ ކަމަށާއި އަދި ވިލިނގިލީގެ ފަޅު ހިއްކައިގެން އިންޓެގްރޭޓެޑް ޓުއަރިޒަމް ޕްރޮޖެކްޓެއް ހިންގައި، ވިލިނގިލި އާބަން ސިޓީއަކަށް ބަދަލުކުރައްވާނެކަމަށާއި އަދި އެ ރަށުގައި އިސްލާމިކް ސެންޓަރަކާއި، ޖޫނިއާ ކޮލެޖެއް ގާއިމު ކުރުމަށް ވެސް ގާސިމް ވައުދުވެވަޑައިގަތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް