އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ދީނީ ދަރުސް ދިނުމާއި، ދީން އުގަންނައި ދިނުމުގައި ހަރަކާތްތެރިވާ 24 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވީ ދީނީ ހޭލުންތެރިކަން އުފެއްދުމުގައި ވޭތުވެ ދިޔަ ސަރުކާރުތަކުން ނުހިންގާ ވަރަށް ފާއިތުވެގެން މިދާ ފަސް އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 10697 ޕްރޮގުރާމެ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ އިރު ވަރަށް ގިނަ އިލުމުވެރިންގެ އެއްބާރުލުން ވެސް ލިބިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދީނީ އިލުމުވެރިންނަށް މިނިވަންކަމައެކު މަސައްކަތް ކުރުމުގެ ފުރުސަތު މި ސަރުކާރުން ވަރަށް ބޮޑަށް ފަހިކޮށްދިން ކަމަށެވެ. މިނިސްޓްރީގެ ބެލުމުގެ ދަށުން ޒަކާތާ ބެހޭ ބިލަކާއި، ހައްޖާއި ބެހޭ ބިލެއްގެ އިތުރުން ވަގުފު ބިލެއް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ވެސް ދީނީ ކަންތައްތަކާއި ގުޅޭ ގޮތުން ސަރުކާރުން ކަންތައްތައް ނިންމަމުން ގެންދިޔައީ ރާއްޖޭގައި ތިބި އެކި ހިޔާލުތަކުގެ އިލުމުވެރިން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ކޮމިޓީއަކުން އަރުވަމުން ގެންދިޔަ ލަފާތަކުގެ މަތިންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ އެތެރެއިންނާއި ބޭރުން ރައީސް ސޯލިހަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެވަޑައިގަންނަވަމުން ގެންދިޔަ އިރު ވެސް ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ކެތްތެރިކަން އެމަނިކުފާނު ވަނީ ދައްކަވާފައެވެ. ސިޔާސީ ހިޔާލުތަފާތޔުވުންތަކަށް ފުރުސަތު ދެއްވީ އަނިޔާވެރިކަން އިސްނުކުރައްވާ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ހުލުގުހެޔޮކަމަށް އެތައް ބަޔަކު ހެކިވާނެ ކަމަށާއި، ރާއްޖޭގައި ސިޔާސީ ހަލަބޮކަން ފެށުނު ފަހުން އެންމެ ސުލްހަވެރި ފަސް އަހަރަކީ މިހިނގާ ފަސް އަހަރު ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑރ.ގުބާދު ވިދާޅުވީ ރައީސް ސޯލިހަށް ތާއިދު ކުރައްވަން ޖެހިވަޑައިގެންނެވީ ރާއްޖޭގައި ތަފާތު ސިޔާސީ ފިކުރުތަކާއެކު ސުލްހަވެރިކޮށް މަސައްކަތް ކުރެއްވުމުގެ ހިކުމަތާއި، އޯގާތެރިކަމާއި، މަޑުމައިތިރި ކަމާއި ހިތްތިރިކަން އެމަނިކުފާނުގެ ކިބައިގައި ހުރުމުން ކަމަށެވެ. ގުބާދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިިކަމުގައި އެތައް ގޮންޖެހުންތަކާއި ކުރިމަތިވެވަޑައިގެންނެވި އިރު ވެސް ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކޮށްދެވުނީ ރައީސް ސޯލިހުގެ ހުލުގުހެޔޮކަމުން ކަމަށެވެ.
މި ބައްދަލުވުމުގައި ޑރ.އިޔާޒު ވިދާޅުވީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރެއްވި ގިނަ ކަންތައްތަކުގައި ރައީސް ސޯލިހު ހައްލު ހޯއްދަވައިދެއްވި ކަމަށެވެ. އެގޮތުން މޫނު ބުރުގާ އެޅި ޓީޗަރުންގެ މައްސަލައާއި، އެމްޑީއެންގެ މައްސަލައާއި ނަފުރަތުގެ ބިލުގެ މައްސަލާގައި ވެސް އިލުމުވެރިން އެދުނު ގޮތަށް ކަންތައްތައް އިސްލާހުކޮށްދެއްވި ކަމަށް އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ ރައީސް ސޯލިހު އެމަނިކުފާނާ ދެކޮޅަށް އަޑު އުފައްލަވަމުން ގެންދަވާ އިލުމުވެރިންގެ ވެސް އަޑު އައްސަވާ މަޝްވަރާ ހޯއްދެވީ ކަމަށެވެ.
މި ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިލުމުވެރިންގެ އިތުރުން ވެސް ބައެއް ބޭފުޅުން ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަމަށެވެ.