ads
އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުން
އެމެރިކާ އިން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރުގެ ފަތްކޮޅު އަރުވައިފި
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ ބޭއްވި މިރަސްމިއްޔާތަށް ފަހު، ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ އެމެރިކާގެ ސަފީރު ވަނީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަކަމަށެވެ. 

"އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ތައުރީފްކުރެއްވި،" ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމެރިކާ ސަފީރު، ސަފީރުކަމުގެ ދައުރު ފެއްޓެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާވިދާޅުވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ޤާއިމްކުރެވި، ސަފީރަކު ޢައްޔަނުކުރެއްވުމަކީ، ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭކަމެއް ކަމުގައި ވިދާޅުވި. މީގެ އިތުރުން، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ދިވެހިރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިޔުމަކީވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން، ވިޔަފާރިއާ އިގުތިސާދީ ދާއިރާއާ އެހެނިހެން ދާއިރާތަކުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުންޏެވެ.

ރައްޔިތުންގެ މެދުގައި، އިޤުތިސާދާއި ސަގާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި އެމްބަސީތަކުން މުހިއްމު ދައުރެއް އަދާކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށް އެ އޮފީހުން މިއަދު ބުންޏެވެ.  


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު ޔޮން ވަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމުގައި،  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށް، ޝުކުރު އަދާކުރައްވާފައެވެ. ތަފާތު ދާއިރާތަކުން ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައިވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މިއަދު ބުންޏެވެ. 

ދިވެހިރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް