ޝެއިހް ޒައިދު ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައި މިވަނީ މިއަދު ހެންދުނު ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ޝެއިހް ވިދާޅުވީ އެފަދައިން ނިންމެވީ މިވަގުތު ދިވެހިރާއްޖޭގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ. މުއިއްޒުކަމަށް އޭނާއަށް ގަބޫލުކުރެވޭތީ ކަމަށެވެ.
2018 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިހާބުން ފެށިގެން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމުގައި ހުންނެވި، ޝެއިހް ޒައިދު ވަނީ ސަރުކާރާއި، އަދި ރައީސް ސޯލިހުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ޝުއޫރު ފާޅުކުރައްވާފައެވެ.
އެހެންނަމަވެސް، ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުނު ފަހުން މިއަދާއިހަމައަށް، ރައީސް ސޯލިހު ވެސް އަދި ސަރުކާރުގެ ދިފާއުގައި ވެސް އެއްވެސް އެއްޗެއް ވިދާޅުވިތަނެއް ފެނިފައެއް ނުވެއެވެ.
މީގެ އިތުރުން، ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައި، ބައެއް ދީނީ އިލްމްވެރިން ބޭއްވެވި ބައްދަލުވުމުގައިވެސް، ޝައިހް ޒައިދު ބައިވެރިވެޑައި ނުގަންނަވާކަން ފާހަގަކުރެވެއެވެ.