ads
އިންތިހާބުގެ ކަވަރޭޖް ގެނެސްދެމުންދާގޮތާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ ބްރޯޑްކޮމުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ:ބްރޯޑްކޮމް
ކެމްޕެއިންކުރުން މަނާ ވަގުތު އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރަން އިލްތިމާސްކޮށްފި
މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމުން ނެރުނު ސާކިއުލާއެއްގައި ބުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން އިންތިހާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ އެއްވެސް ކެމްޕެއިން ހަރަކާތެއް ނުވަތަ އެފަދަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ފޮނުވޭ އެއްވެސް ކޮންޓެންޓެއް، މިއަދު ހަވީރު 6:00 އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމުން ވަނީ އިލްތިމާސްކޮށްފައެވެ.

ބްރޯޑްކޮމުން ބުނި ގޮތުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ އެ މާއްދާ އާ ހިލާފަށް ބްރޯޑްކާސްޓް ކުރުމަކީ ގާނޫނެއްގެ ބާރު ކެނޑިދާގޮތަށް ބްރޯޑްކާސްޓް ކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ހިލާފު ކަމެއް ކަމުގައި އަންގައި، މި ކަމަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް