ads
ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނީ
ރިޔާސީ އިންތިހާބުގެ ނަތީޖާއިން ބުނެދެނީ ކީކޭ؟
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް ކުރި އިންތިޒާރަށް ނިމުމެއް އައީ އެވެ. ރިޔާސީ އިންތިހާބުގެ ބޮޑު މަންޒަރު ފެނި ހާމަވީ އެވެ. ރައްޔިތުންގެ ބަސްބުނެ އިއްވައިފި އެވެ. އަޑުގަދަކޮށް އެއްބުރުން ކާމިޔާބު ވާނެކަމަށް ބުނަމުން ދިޔަ ހުރިހާ ކެނޑިޑޭޓުންނަށް، ރައްޔިތުން ދިނީ ފިނި ޖަވާބެކެވެ. އަހަރުމެން އަދި ތިގޮތެއް ބޭނުމެއް ނޫނެވެ. އަހަރުމެން ކިޔާ އެއްޗެއް ވެސް އަޑު އަހާލާށެ ބުނާ ފަދަ އެވެ.
Advertisement

ކޮންމެއަކަސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނީ އެވެ. ޖުމްލަކޮށް، ހައިރާން ކުރުވަނި ނަތީޖާ އަކުންނެވެ. ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން، 101،128 ވޯޓާ އެކު އެއްވަނަ ލިބިވަޑައިގެންނެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް  އަދި މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒަށެވެ. އެއީ 46.01 އިންސައްތައެވެ. ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،989 ވޯޓެވެ. އެއީ 39.12 އިންސައްތައެވެ. 7.07 އިންސައްތަ ނުވަތަ 15،539 ވޯޓާއެކު ތިން ވަނަ ލިބިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށެވެ. 

ރިޔާސީ އިންތިހާބެއްގައި ދެ ވަނަ ފަހަރަށް ވާދަކުރައްވާ މިނިވަން ކެނޑިޑޭޓް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގެންނެވީ 6348 ވޯޓާއެކު ހަތަރު ވަނަ އެވެ. އެއީ 2.89 އިންސައްތައެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 5545 ވޯޓެވެ. ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާތާ މިއީ ތިން ވަނަ ފަހަރު ނަމަވެސް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 2.52 އިންސައްތަ އެވެ. އަމިއްލަގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނަށް 1.37 އިންސައްތަ އާއެކު 3004 ވޯޓް ލިބިވަޑައިގެންނެވި އިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަށް ލިބިވަޑައިގެންނެވީ 1896 ވޯޓެވެ. އެއީ 0.86 އިންސައްތައެވެ. ލިސްޓުގެ އެންމެ ފަހަތަށް ދިޔައީ އަމިއްލަގޮތުން ވާދަ ކުރެއްވި ހަސަން ޒަމީލެވެ. ލިބިލެއްވީ 357 ވޯޓެވެ. އެއީ 0.16 އިންސައްތައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނުއިރު އެއްމެ ބޮޑު ހައިރާންކަމެއް ލިބުނު އެއްކަމަކަށްވީ އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ދަށްވުމެވެ. ފުރަތަމަ ވޯޓް ލާފައިވަނީ ވޯޓްލެވޭ ޖުމްލަ އާބާދީގެ 79 އިންސައްތައެވެ. އެއީ 224315 ވޯޓެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ ޖުމްލަ މީހުންގެ އާބާދީ އަކީ 282395 ކަމަށް ވާއިރު، 60000 މީހުން ވޯޓެއް ނާޅަ އެވެ. މިއީ ރާއްޖޭގައި ގިނަ ޕާޓީތަކެއް އެކެލެވޭ ގޮތަށް އިންތިހާބުތައް ބާއްވަން ފެށި ފަހުން، ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެއް ވަނައަށް ދިޔަ ޕީއެންސީ އަދި ދެ ވަނައަށް ދިޔަ އެމްޑީޕީން، އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރަން ތައްޔާރުވަމުން އަންނައިރު، ދެ ޕާޓީން ވެސް ބުނަމުން ގެންދަނީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ވާހަކައެވެ. އަދި އެކަމަށްޓަކައި ކޮންމެ ބަޔަކާއެކު ވެސް ވާހަކަ ދައްކަން ތައްޔާރުކަމަށް ވެސް ބުނަމުން އެބަގެންދެ އެވެ.

އެހެން ނަމަވެސް، އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ވިނިންގް ފޯމިއުލާ، ނުވަތަ އެބުނާ ކިންގް މޭކަ އަކީ ކޮބައި ހެއްޔެވެ. ތިން ވަނައަށް ދިޔަ ޑިމޮކްރެޓްސް ހެއްޔެވެ. ނޫނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ހެއްޔެވެ. ނޫނީ އުމަރު ނަސީރު އާއި ފާރިޝް މައުމޫނަށް ވޯޓް ދެއްވި ރިފޯމް އަށް މަސައްކަތްކުރާ ފަރާތްތައް ހެއްޔެވެ. ނޫނެކެވެ. ހަގީގަތުގައި މިފަހަރުގެ ކިންގް މޭކަ އަކީ ރައްޔިތުންނެވެ. އެއީ ވޯޓް ލާން ނިކުންނަން ބޭނުންނުވި ރައްޔިތުންނެވެ. އެމީހުންގެ އަދަދު 60000 އަށްވުރެ މައްޗެވެ. ނަތީޖާ އާއި އަޅާ ކިޔާނަމަ، އެއީ ވޯޓް ލާން ނިކުތް މީހުންގެ ގާތްގަނޑަކަށް 28 އިންސައްތައެވެ. އެހެން ވީމާ އެހެން ބުނެވޭނެ ނޫންތޯއެވެ. އެމީހުން ނިކުމެ، ވޯޓް ލާގޮތަކުން ނަތީޖާއަށް ބަދަލު އަންނާނެ އެވެ.

ދެން ދިމާވެދާނެ ހާލަތުތައް ވަޒަން ކޮށްލަވަމާ ހިންގަވާށެވެ. ޑރ. މުއިއްޒު އަށް ލިބިވަޑައިގެންނެވި 101،128 އިތުރަށް، ރައީސް ސޯލިހަށް ނޫނެކޭ ބުނެ ވޯޓް އެޅި ހުރިހާ ފަރާތްތައް އެއްކޮލުމުން ލިބިވަޑައިގަންނަވަނީ 113،817 އެވެ. އެއީ ވޯޓްލެވޭ އާބާދީގެ 47.39 އިންސައްތައެވެ. ރައީސް ސޯލިހަށް ލިބިލެއްވި 85،989 ވޯޓުގެ ތެރެއަށް، އެމްޑީޕީގެ ތެރެއިން އުފެދިގެން އައި ޑިމޮކްރެޓްސްގެ ވޯޓާއި، ހިނގަމުންދާ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީ އަށް ލިބުނު 5545 ވޯޓާއި، ކޯލިޝަން ޕާޓްނަރު ފާރިޝް މައުމުނަށް ލިބުނު 3004 ވޯޓް އެއްކޮށްލުމުން ލިބިވަޑައިގަންނަވަނީ 110،077 ވޯޓެވެ. އެއީ ވޯޓް ލެވޭ އާބާދީގެ 39 އިންސައްތައެވެ. އެހެންވީމާ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ 50 އިންސައްތައިގެ އިތުރަށް އެއް ވޯޓް، އެއްވެސް ބޭފުޅަކަށް އަދި ލިބިވަޑައިގަންނަވާ ގޮތެއް ނެތެވެ.

އެކަން ކުރެވެން އަންނާނީ، ވޯޓްލާން ނުނިކުތް މީހުންގެ ތެރެއިން ކޮންމެވެސް އަދަދެއް ބޭނުންކޮށްގެންނެވެ. އަސްލު ކިންގް މޭކަ އަށް އެމީހުން ވަނީ މީހެން ވެގެންނެވެ. މިފަހަރަގެ ކިންގް މޭކަ އަށް މިވީ ރައްޔިތުންނެވެ.

ސުވާލަކީ މިހާ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓް އެޅުމަށް ނުނިކުތީ ކިހިނެތް ވެގެންތޯއެވެ. ހަމަ ހަގީގަތުގައި ވެސް ރައްޔިތުން ފޫހިވީ އެވެ. ނުވަތަ އެއްބުރުން އިންތިހާބު ނުނިމޭނޭކަން ޔަގީންކޮށްގެން އެ މީހުން ވޯޓް ލާން ނުދިޔައީ އެވެ. ނުވަތަ ސިޔާސީ ލީޑަރުން ކުޅުއްވާ ޗަރުކޭސް އަކުން ގައުމަށް ފައިދާވާނެ ހަމައެންމެ ކަމެއް ވެސް ނުވާނެ ކަން އިނގޭތީވެ ފޫހިވީ އެވެ. ގައުމުގެ ކުރިއެރުމަށް އެތަނުން އެއްވެސް މީހަކު މަސައްކަތް ކޮށްފާނެކަމަށް މިރައްޔިތުން ގަބޫލު ނުކުރަނީ ބާވަ އެވެ. އެއީ މި ލީޑަރުންތައް ކުރިން އަމަލު ކުރައްވާފައިވާ ގޮތުންކަމަށް ވެދާނެ އެވެ. މާޒީން ފެނިގެން ދިޔަ ހަގީގަތުގެ މައްްޗަށް ފެންނަން އޮތް މަންޒަރުން ކަމަށް ވެދާނެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވާނަމަ، މި ރައްޔިތުންގެ އަޑު އައްސަވާށެވެ. މިރައްޔިތުންގެ އިހުސާސްތައް އައްސަވާށެވެ. ރައްޔިތުންގެ ތެރޭގައި އިތުބާރު ގެއްލޭ ޒާތުގެ ކަންކަން، ބާރު އޮތް ނަމަވެސް ނުކުރާށެވެ. މިދިޔަ 10 އަހަރުގެ މާޒީން ޔަގީންވާ އެއްކަމަކީ އިތުބާރު ގެއްލިގެންދާނެ ޒާތުގެ ކަންކަން ވެރިން ނުވަތަ ސަރުކާރުންކޮށްފަވުމެވެ. މި ފަހަރުގެ ވޯޓުން އެދިން ފިނި ޖަވާބުން އެ ބުނަނީ އެ ޒާތުގެ ވާހަކައެއް ކަމަށް ބެލެވިދާނެ އެވެ. އެ މީހުން ބުނާ ކަހަލަ އެވެ. އަހަރުމެން އަދި ތިގޮތެއް ބޭނުމެއް ނޫނެވެ. އަހަރުމެން ކިޔާ އެއްޗެއް ވެސް އަޑު އަހާލާށެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް