
މިރޭ އިންޑިއާ ހައި ކޮމިޝަނަރާ ބައްދަލު ކުރެއްވުމަށް ފަހު ނިކުމެވަޑައިގަތުމާ އެކު، "ވޮއިސް" އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަކީ ސިޔާސީ ވާހަކައެއް ދެއްކުމަށް ނުވަތަ ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެެރިކަން ކުރާ އެމްޑީޕީ އާއި ވާދަވެރި ޕީޕީއެމާ އެކުވެސް ކޯލިޝަން ހެދުމާ ބެހޭ މަޝްވަރާ ކުރައްވާނެކަމަށް، އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ރައީސް ސޯލިހާ އެކު އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަން ނިމިދާނެ ގޮތަކާ މެދު ކަންބޮޑުނުވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، އެ މަނިކުފާނާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ އަނބުރާ ގެންގޮސްފައެވެ.