އާޒިމްގެ އިތުރުން، ޑިމޮކްރެޓުންގެ ޕީޖީގެ ނައިބު ލީޑަރުންގެ ގޮތުގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ހޮވާފަ އެވެ. އަދި އެ ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ ހޮވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބު ބޭއްވީ މިއަދު ހެނދުނު 10:00 އިން 11:00 އަށް ޑިމޮކްރެޓްސްގެ މައި އޮފީސް ހުންނަ ހ.މައިޒާންދޮށުގޭގަ އެވެ.
މި މަގާމުތަކަށް މެމްބަރުން ހޮވުމަށް ބޭއްވި ވޯޓްގައި އެޕާޓީ މަޖިލީހުގައި ތަމްސީލުކުރައްވާ 11 މެމްބަރުން ބައިވެރިވެޑައިގަތެވެ. އަދި މަގާމުތަކަށް މެމްބަރުން ހޮވީ 11 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކޮށް 7.18 އިންސައްތަ ވޯޓާއި އެކު ވަނީ ތިންވަނަ ހޯދާފައެވެ. އިންތިހާބުގައި ވޯޓްލީ މީހުންގެ ތެރެެއިން 15839 ވޯޓް ވަނީ އެޕާޓީއަށް ލިބިފައެވެ. ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު މިމަހުގެ 30ގައި ބާއްވަން ތައްޔާރުވަމުން އަންނައިރު ދަ ޑިމޮކްރެޓްސްއިން މިހާތަނަށް އެއްވެސް ބަޔަކާއި ކޯލިޝަން ހަދަން އަދި ނިންމާފައެއް ނުވެއެވެ.