ads
ކުއްޔަށްދޭ ވިލާތަކުން ޓީޖީއެސްޓީގެ ބަދަލުގައި ރިއަލް އެސްޓޭޓް ޓެކްސް ނަގަން އިސްލާހެއް ވަނީ ހުށަހަޅާފައި - ފޮޓޯ:ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް
ކުއްޔަށްދޭ ވިލާތަކުން ޓީޖީއެސްޓީގެ ބަދަލުގައި ރިއަލް އެސްޓޭޓް ޓެކްސް ނަގަން އިސްލާހެއް
ރިސޯޓުތަކުގެ ވަކިވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމުން އެ ތަންތަނުން ޓީޖީއެސްޓީގެ ބަދަލުގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ދައްކަން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ނަމަ އެ ތަނެއް ވިއްކާ ޖުމްލަ އަގުގެ ހަތަރު އިންސައްތައިގެ ރޭޓުން ރިއަލް އެސްޓޭޓް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.

އެ އިސްލާހުގައި ބުނެފައިވަނީ މި ޓެކްސް ދައްކަން ޖެހޭނީ ދިގު މުއްދަތަށް ކުއްޔަށް ނަގާ ފަރާތުން ކަމަށެވެ. އެހެންނަމަވެސް، ޓެކްސް މީރާއަށް ދައްކަން ޖެހޭނީ، އެ ކޮޓަރި ވިއްކި ފަރާތުން ކަމަށް ޓޫރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ. މި ޓެކްސް އާ ގުޅުންހުރި އުސޫލުތަކާއި ޓެކްސް ނުދެއްކުމުން އަޅާނެ އިދާރީ ފިޔަވަޅުތަކާ އަދި އިދާރީ އުސޫލުތައް މީރާއިން ކަނޑައަޅަންވާނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ނަގަން ފެށުމާ އެކު، އެ ވިލާއަކުން ދައްކަން ޖެހޭ ޓީޖީއެސްޓީ ދެއްކުން ނިމުމަކަށް އަންނާނެ ކަމުގައެވެ.

ރިސޯޓުތަކުގެ ވަކިވަކި ކޮޓަރިތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް ހަދައި، އަމަލުކުރަން ފަށާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ދިގު މުއްދަތަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ދޫކުރާ ނަމަ، އެތަނެއް ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. އެފަދަ ތަންތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000 ރުފިޔާގެ ފީއެއް މީރާއަށް ދައްކަންވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

އެފަދަ ކޮޓަރިތައް ކުއްޔަށް ދޫކުރާއިރު، ކުއްޔަށް ހިފާ ފަރާތަށް އެކަނި ބޭނުން ކުރެވޭގޮތަށް ބިމުގެ ނުވަތަ ފަޅުގެ ސަރަހައްދެއް ކަނޑައަޅައި ކުއްޔަށް ދެވިދާނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ގަވާއިދުގެ ދަށުން ރިސޯޓެއް ހަދަމުންދާއިރު ނުވަތަ ހަދަން ފެށުމުގެ ކުރިން ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.

އެ ގަވާއިދުގެ ދަށުން ސްޓާރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ ދަފުތަރެއް ޓޫރިޒަމް މިނިސްޓްރީން ބަލަހައްޓަން ޖެހެއެވެ. އެފަދަ ކޮޓަރިތަކުގެ މައުލޫމާތާއި ކުއްޔަށް ހިފާ ފަރާތުގެ މައުލޫމާތު އެ ދަފުތަރުގައި ހިމަނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް