ads
އެމްޑީޕީގެ ހަރަކާތެއްގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވާހަކަދައްކަވަނީ: ވިދާޅުވީ މުއިއްޒުގެ ވެރިކަމުގައިވެސް އިންޑިއާ ފަސްޓް ޕޮލިސީ އޮންނާނެ ކަމަށް - ފޮޓޯ:އެމްޑީޕީ
މުއިއްޒުގެ ވެރިކަމުގައިވެސް އިންޑިއާ ފަސްޓް ޕޮލިސީ އޮންނާނެ: ރޮޒައިނާ
ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް އިންޑިއާއިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެކު ތިއްބެވި ބޭފުޅުންނަށް ކަމަށާއި ޑރ. މުއިއްޒުގެ ވެރިކަމުގައިވެސް އިންޑިއާ ފަސްޓް ޕޮލިސީ އޮންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދެވި ޑރ. މުއިއްޒު ދީފައިވާ އިންޓަވިއުއެއްގެ ވީޑިއޯއަކާ އެކު އެކްސްގައި ރޮޒައިނާ ވިދާޅުވީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގި ކެމްޕެއިނަކީ މި ސަރުކާރާ ދޭތެރޭ ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ކުރި ކަމެއް ކަމަށެވެ.

ރޮޒައިނާ ހިއްސާކޮށްފައިވާ ވީޑިއޯ އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައިވަނީ ހާރިޖީ ސިޔާސަތު ރަނގަޅުކޮށްލަން ޖެހޭނެ ކަމަށާއި އިންޑިއާއަކީ އެންމެ ގާތް ރަހުމަތްތެރި އަވަށްޓެރިޔާ ކަމަށެވެ.

"އެހެންވީމާ އިންޑިއާ ފަސްޓް ޕޮލިސީ. އިންޑިއާއަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި ޒަމާނުއްސުރެ އޮތް ގާތް، އެންމެ އިސްކަންދޭ ޕޮލިސީއަކަށް އޮންނަން ވާނެ އިނގޭތޯ،" އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ނަތީޖާއަކީ އިންޑިއާ ރައްޔިތުންނާއި ދިވެހިންނާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވެ އެތައް ބައެއްގެ ހިތުގައި ހަގީގަތެއް ނެތް ބިރުވެރިކަމެއް އުފެދުން ކަމަށެވެ.

"މުއިއްޒު ވެރިކަމަށް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ. އެއްވެސް މީހަކު ބޭރެއް ވެސް ނުކުރާނެ. މިތާ ހިނގާ އޮޕަރޭޝަންސް ކުރިޔަށްވެސް ދާނެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް،" - އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ގެންގުޅުއްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވަކި ކޮޅަކަށް ނުޖެހޭ ސިޔާސަތު ކަމަށެވެ. ޑރ. މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމުގެ ވާހަކަތައް ފައްޓަވާނެ ކަމަށް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގަައި ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް