ads
އުތީމު ބޮޑުތަކުރުފާނުގެ ޒިޔާރަތް
ޤައުމީ ދުވަސް: ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫޙު އާލާކުރުމުގެ ދުވަސް
މިއަދަކީ ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ.

ޤައުމީ ދުވަސް އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މިނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ.

މިގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށްފަހު 1997 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި “ދިވެހިރާއްޖޭގެ ޤައުމީ ދުވަސް” ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ

އެދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ދިވެހީންގެ ޤާނޫނު އަސާސީގައި ބަޔާންވެގެންނެއް ނުވެއެވެ.

ޤައުމީ ދުވަހުގެ މަންޒަރުތައް މިއަދު "ޤައުމީ ލެންސުން" ބަލާއިރު، ދިވެހިނަށް މި އުޅެވެނީ އެއް ބަޔަކު އިސްލާމް ދީނާށާއި ކީރިތި ރަސޫލާއަށް ކުޑައިމީސް ބަސް ބުނުމުގަ އެވެ. އަނެއް ބަޔަކު ދަނީ ދީނުމުގެ ނަމުގައި ހަރުކަށި ކަންތައްތައް ކުރަން ހިތްވަރު ދެމުންނެވެ. ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ހައްޤަކުން މަހްރޫމް ކުރުން ކަމުގައި ދީނަށް ފުރައްސާރަކުރާ މީހުން ދެކޭއިރު، ދިވެހިންގެ ޒަމާންވީ އާދަކާދަ އާއި ސަޤާފަތާ ބީރައްޓެހި ގޮތްތައް ދިވެހިންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިއަދު ތައާރަފް ވެފައިވަނީ "އިހު ދިވެހިން" ތަސައްވުރު ކުރި ގޮތަކަށް ނޫނެވެ.

މިއަދު ދިވެހި ޒުވާނާ މިނިވަންވެފައިވަނީ ގައުމަށްޓަކައި ގުރުބާން ވުމަށްވުރެ ހުޅަނގުގެ ތަރައްގީގައި ބަނދެވިގެން ނެވެ. ދިވެހި ޒުވާނާއަށް މިއަދު ބުރަވެވެނީ "ޖެނޭރޭޝަން ޒީ" އަށެވެ. ދިވެހި ޒުވާނާއާއި އެ ޒުވާނާގެ ބެލެނިވެރިންގެ ހަދާނުން ކައްސާލީ ދިވެހި ރާއްޖެއަކީ ސަތޭކަ އިންސަންތަ މުސްލިމް ޤައުމެއްކަމެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބުނާގޮތުން ކޮންމެ ދިވެއްސަކީ މުސްލިމެއްކަމަށް ބަޔާންކޮށްފައި އޮތްކަމެވެ.

އޭގެ މާނައަކީ އިސްލާމްދީން ގަބޫލުނުކުރާ ނުވަތަ އެހެން ދީނަކަށް އުޅޭ އެއްވެސް މީހަކަށް ދިވެއްސެއްގެ ލޭބަލުގެ ޝަރަފް މި ގައުމުން ނުލިބެއެވެ. ކަންމިހެން އޮތް ނަމަވެސް ހިތަށް އަރަނީ، ގައުމުގެ އެންމެހައި ފަރުދުންނަށް އެ ޝަރަފު ދެވޭން އެބަ އޮތް ބާވައެވެ؟ އަދި އެ ޝަރަފް ބޭނުންވެގެން ފަރުދީ ފެންވަރެއްގައި މަސައްކަތް ކުރޭވޭ ހެއްޔެވެ؟ ގައުމީ ލެއިން ފެންދީގެން ގައުމީ ދުވަހުގެ "ޤައުމީ ގަސް" ދިރުވާ އާލާ ކުރަން ދިވެހިން މިއަދު އެދޭ ހެއްޔެވެ؟ ދިވެހި ސިކުނޑިތައް "ޒަމާނަށް" އަޅުވެތި ވެފައި ވާ މިންވަރުން ގައުމީ ދުވަސް ފާހަގަކުރެވޭ ހެއްޔެވެ؟ ސިޔާސި ޕާޓީތަކާއެކު އުފެދުނު ސިޔާސީ "ކަނު ލޯބީގައި" އަވަދިވާ ސަޕޯޓަރުން ގައުމީ ދުވަހުގެ ޖަލްސާ އަށް ގޮސްދާނެ ހެއްޔެވެ؟ ދިވެހިން "އެދޭ ރާއްޖެ" އަކީ ކޮބާ ހެއްޔެވެ؟ ހައްތަހާ ވެސް ޤައުމު ޖަވާބަކަށް އެދޭ ސުވާލެވެ. ޖަވާބު ދެއްވުމަށް ދޫކޮށްލާނީ ތިޔަބޭފުޅުންގެ ވިސްނުމުގެ މީޒަނަށެވެ.

މިއަދު ދުނިޔޭގެ އޮޔާއި ވައި ވަނީ ބަދަލު ވެފައެވެ. ނުވަތަ ބަދަލު ވާން ފަށައިފައެވެ. ޕޯޗުގީޒުން ކޮންމެ އަހަރަކު ރާއްޖެއިން ފޭރިގަނެގެން ދިވެހިން އަޅުވެތިކޮށް އެވެރިންގެ އިޤްތިސާދަށް ވައްދަމުން ދިޔަ މާލީ މިނިވަންކަން އަދި ވަތަނީ މިނިވަންކަން އަނދިރިއަނދިރިން "ސައިޒު" ކޮށް ބޮޑުތަކުރުފާނު އިސްވެ ހުންނަވާ ޕޯޗުގީޒުންގެ ވަރުގަދަ އަސްކަރީ ލަޝްކަރެއް ބަލިކޮށް ލެއްވުމަކީ ކުޑަ ކަމެއް ނޫނެވެ.

އެހެންކަމުން ޤައުމުގައި އުފެދުނު އަގުހުރި ދަރީން، އެބައިމީހުންގެ ޤައުމަށް އަދާކުރި މަތިވެރި ވާޖިބަށްޓަކައި އެބައިމީހުންގެ ހަނދާންތައް އާކުރާން ޖެހެއެވެ. އަދި އެދަރީންނަށް ދަރާފައިވާ ދަރަނިތައް ވަޒަންކޮށް، އެމީހުންނަށް ހެޔޮދުއާ ކުރުމަށް އެންމެ އެކަށީގެންވާ އެއް ދުވަހަކީ މިއަދެވެ. މިއަދަކީ އުތީމު މަހާރަދުންގެ ހިއްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުވި ދުވަހެވެ.

އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ﷲ އަށް ދުއާ ދަންނަވަމެވެ.

މިއަދަކީ ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫހު އާލާކުރުމުގެ ދުވަސް ވެސް މެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް