ads
ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން - ފޮޓޯ:އާބަންކޯ
ތިލަފުށި ދެވަނަ ފިޔަވަހި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

ތިލަފުށީގެ އޭރިއާ ސީ (C) އަދި ޑީ (D) ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މިހާރު ފެށިފައިވަނީ އޭރިއާ ބީ (B) ގެ ބިން ހިއްކުމުގެ މަސައްކަތް ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ މި މަސައްކަތުގެ ތެރެއިން އެރިއާ އޭ (A) އިން 71.5 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރިއާ ބީ (B) އިން 39.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން އޭރިއާ އީ (E) އިން 5.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކިގެންދާއިރު އޭރިއާ އެފް (F) އިން 0.73 ހެކްޓަރު ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

your imageތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނި ގޮތުގައި ތިލަފުށީގެ ބިން ހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމުގައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަހައްދުން ތިލަފުށްޓަށް ބަދަލުކުރުމުން މުޖަތަމައަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށެވެ.

ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގުތިސޯދީ ގޮތުން އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް