ads
އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:މީރާ
އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފަައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 20 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ލިބިފައިވަނީ 11.9 ބިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީ އިތުރުވެފައިވާއިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އަށް އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، ޓީޖީއެސްޓީ 16 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ. އޭގެކުރިން ޖީއެސްޓީ ގޮތުގައި ހަ އިންސައްތަ ނަގަމުން އައިއިރު، ޓީޖީއެސްޓީގެ ގޮތުގައި ނަގާފައިވަނީ 12 އިންސައްތައެވެ.

މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހާ އަޅާބަލާއިރު 34 އިންސައްތަ އިތުރު އަދަދެކެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އިންކަމް ޓެކްސްގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 119.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޮގަސްޓް މަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ތެރެއިން ޑޮލަރުން 541.4 މިލިއަން ވަނީ ލިބިފައެވެ.

ޓެކްސް އާމްދަނީގެ އިތުރުން އަހަރުގެ މިހާތަނަށް ރިސޯޓު ކުލީގެ ގޮތުގައި 965.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 692 މިލިއަން ރުފިޔާ ލިބުނުއިރު، ލީޒް އެކުއިޒިޝަންގެ ގޮތުގައި 44 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް