ފަޒްނާ އިއްޔެ ހިޔާ އަވަށަށް ވަޑައިގަތީ ރައީސަށް ތާއީދު ހޯއްދަވަން ދޮރުން ދޮރަށް ހިންގެވުމަށެވެ. އެޗްއާރްސީއެމް އިން ބުނީ ފަޒްނާ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
ފަޒްނާ ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެތަނުގައި ބަޔަކު ވަނީ އެކަމަނާއާ ދިމާލަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށްފަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވީ، އެފަދަ ކަންކަމުން ލިބެނީ ހިތްވަރު ކަމަށާއި ކެމްޕެއިނަށް ވެސް ކުރީ ފައިދާ ކަމަށެވެ.