ads
ޕީސީބީގެ ބައެއް މެންބަރުން: ބޯޑުގެ ރައީސް އާއި އިތުރު ދެ މެންބަރެއްގެ ދައުރު ހަމަވެ މަގާމުން ވަނީ ވަކިވެފައި - ފޮޓޯ:ޕީސީބީ
ޕީސީބީގެ ރައީސް އާއި އިތުރު ދެ މެންބަރެއްގެ ދައުރު ހަމަވެ މަގާމުން ވަކިވެއްޖެ
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތިން މެންބަރެއްގެ ދައުރު ހަމަވެ މަގާމުން ވަކިވެއްޖެއެވެ.

ދައުރު ހަމަވެގެން ޕީސީބީން ވަކިވި މެންބަރުންނަކީ އެ ބޯޑުގެ ރައީސް އާސިމް މުހައްމަދާއި ބޯޑު މެންބަރުން ކަމަށްވާ އަލީ ޝަފީއު އަދި ރުޝާހާ އަހުމަދު ޝަރީފެވެ. މި ތިން މެންބަރުންގެ ދައުރު ހަމަވެފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ގާނޫނުގައިވާ ގޮތުން ޕީސީބީގެ ބޯޑުގައި ތިބެން ޖެހެނީ ހަތް މެންބަރުންނެވެ. މެންބަރުކަމުގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

އާސިމް އާއި އަލީ ޝަފީއުގެ އިތުރުން ރުޝާހާ ޕީސީބީގެ ބޯޑަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އާސިމް ފުރަތަމަ އައްޔަންކުރީ ޕީސީބީގެ ބޯޑުގެ ނައިބު ރައީސްގެ މަގާމަށް ކަމަށް ވީނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެ ބޯޑުގެ ރައީސް ކަމުގެ މަގާމަށް އޭނާ އައްޔަންކުރިއެވެ.

ޕީސީބީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ބޯޑަށް ރައީސްއެއް އައްޔަންކުރެވެންދެން ޕީސީބީ ހިންގެވުމާއި ހަވާލުވެ ހުންނަވާނީ އެ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޒު ކަމަށެވެ.

ޕީސީބީ ބޯޑުން މެންބަރުން ވަކިކުރުމާއި އައްޔަން ކުރުމުގެ ބާރު ލިބިފައިވަނީ ރައީސްއަށެވެ. އެހެންނަމަވެސް، އެ ބޯޑަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް