މިރޭ ބޭއްވި ޑިމޮކްރެޓުންގެ އިންޓެރިމް ކައުންސިލު ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައިވަނީ ބައިވެރިވި 64 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ ވޯޓާއެކުއެވެ.
ކައުންސިލު ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައިވަނީ މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރެއްގެ ތެރެއިންނެވެ.
މިރޭގެ ބައްދަލުވުމަށް ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އެމްޑީޕީއަށް ހުށަހަޅާފައިވާ ގޮތަށް ސެޕްޓެމްބަރު މަހުގެ 28 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެ ޕާޓީން ސެޕްޓެމްބަރު މަހުގެ 20 ގެ ކުރިން އެއްބަސްވާ ނަމަ މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. އަދި ޕީއެންސީ/ޕީޕީއެމަށް ޑިމޮކްރެޓުން ހުށަހަޅާފައިވާ ގޮތަށް ޑިމޮކްރެޓުން ސަރުކާރުގައި ބައިވެރިވާނެ މިންވަރާއި، ތަންފީޒު ކުރާނެ ޑިމޮކްރެޓުންގެ ސިޔާސަތުތައް ބަޔާންކޮށް އެގްރިމެންޓެއްގައި ސޮއި ކުރަން ސެޕްޓެމްބަރު 20 ގެ ކުރިން އެއްބަސްވާ ނަމަ މަޝްވަރާ ކުރުމަށް ވެސް އެ ގަރާރެުގައި ހުށަހަޅާފައިވެއެވެ. އަދި ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއަކުން ޑިމޮކްރެޓުންގެ ޝަރުތުތައް ބަލައި ނުގެންފި ނަމަ ދެވަނަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހެދުމަށް ވެސް ހުށަހަޅާފައިވެއެވެ.
ގަރާރު ހުށަހެޅުއްވުމުން ބައެއް މެންބަރުންވަނީ ދެ ޕާޓީން ވެސް ޝަރުތުތައް ގަބޫލުކޮށްފި ނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކާއި ގުޅިގެން ރިޔާސަތުގައި އިންނެވި ހަސަން ލަތީފު ވިދާޅުވީ އެ ހާލަތު އަތުވެއްޖެ ނަމަ އަނެއްކާ ވެސް ގޮތެއް ނިންމާނީ ކައުންސިލުން ކަމަށެވެ.
ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުންވަނީ އެމްޑީޕީއާއި ޕީއެންސީ/ޕީޕީއެމަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ބައެއް މެންބަރުންވަނީ ދެވަނަ ބުރުގައި ވަކިކޮޅަކަށް ޕާޓީން ނުޖެހުމަށް ވެސް ވަކާލާތުކޮށްފައެވެ. ޕާޓީން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ދެވަނަ ބުރުގައި އެމްޑީޕީއަށް ވޯޓު ނުދޭނެ ކަމަށް ވެސް ބައެއް މެންބަރުން ބުނެފައިވެއެވެ.