ads
ރަށެއްގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވަނީ: ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ދިނުމަށް ވަނީ ނިންމަވާފައި - ފޮޓޯ:ރައީސް އޮފީސް
ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދިނުމަށް ނިންމަވައިފި
ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 އިންސައްތަ އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ހަމަޖެހިގެން ދިޔައިރު، އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާ ކަމަށެވެ. އެކަމުގައި ކައުންސިލްތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި 35 އިންސައްތަ އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ވަނީ ނިންމަވާފައި ކަމަށް މިއުވާން ވިދާޅުވިއެވެ.

"ވުމާ އެކު ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް %35ގެ އެލަވަންސް ދިނުމުން އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުުން، މި ފަރަގު ނައްތާލުމުގެ ގޮތުން ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ." ރައީސް އޮފީހުން ބުންޏެވެ.

މިއުވާން ވިދާޅުވެފައިވަނީ ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ، މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށް މިއުވާން ވިދާޅުވިއެވެ.

"... ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލުތަކުގެ މުވައްޒަފުންނަށް ވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

މިއުވާން ވިދާޅުވި ގޮތުގައި ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން މި ފަރަގު ނައްތާލުމުގެ ގޮތުން ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް މި އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި 35 އިންސައްތަ އެލަވަންސް ހަމަޖެއްސެވުމަށް ރައީސް ވަނީ ނިންމަވާފައި ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް