
މިސްކިތްތައް ފުރި، ކުނާތަކާއި މުސައްލަތައް އަޅައިގެން މަގުމަތީގައި ހުކުރު ނަމާދުކުރާ އާންމު މަންޒަރު މިއަދު ފެނިގެނެއް ނުދެ އެެވެ. އޭގެ ބަދަލުގައި މިސްކިތްތަކަށް ފަޅުވެ، ހުކުރު ދުވަހުގެ އިހުސާސް ވެސް މިއަދު ނުކުރެވެ އެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށް މިއަދުގެ ހުކުރު ނަމާދު ވެސް ނުކުރާން ނިންމީ، އެންމެން އެއްތަނަކަށް ޖަމާވުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމުންނެވެެ.
އިސްލާމިކް މިނިސްޓްރީގެ މި އެންގުމާ ގުޅިގެން ޒަމާޏުންސުރެ ފެންނަމުން އައި މަންޒަރު މިއަދު ނުފެނެ އެވެ. ކާފަ، ބައްޕަ ނޫނީ ބޭބެ، ގޭގައި ހަގަށް ތިބޭ ކުދިންގެ އަތުގައި ހިފައިގެން ހުކުރު ނަމާދު ކުރުމަށް މިސްކިތަށް އަރާ މަންޒަރު މިއަދު ނުފެނުމީ ގިނަ ބަޔަކު ކަންބޮޑުވެ ދެރަވި ކަމެކެވެ.
މިއަދު ހުކުރު ނަމާދު ކޮށްފައިނުވާތީ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ބުނަނީ މިއަދަކީ ހުކުރު ދުވަސް ހެން ހީނުވާ ކަމަށެވެ. އެއީ ހުކުރު ނަމާދުކުރަން ނުގޮސް ގޭގައި ނަމާދު ކުރަން ޖެހުމުގެ ސަބަބުން ކަމަށް އެމީހުން ބުނެ އެވެ.
އިތުރު މީހަކު ބުނަނީ މިއަދަކީ ރާއްޖެ އިސްލާމްވީ ފަހުން މާލެގައި ހުކުރު ނަމާދު ނުކުރާ ފުރަތަމަ ފަހަރު ކަމަށް ވުމުން ވިސްނައިފި ބަޔަކަށް އިބުރަތަކަށް މިކަން ވާނެ ކަމަށެވެ.
މާލެ އަދި މާލެ ސަރަހައްދުގައި ހުކުރު ނަމާދު ނުކުރި ނަމަވެސް ރާއްޖޭގެ ރަށްރަށުގައި މިއަދު ވަނީ ހުކުރު ނަމާދުކޮށްފަ އެވެ. އެގޮތުން މިއަދު ހުކުރު ނަމާދު ލައިވް ކޮށްފައި ވަނީ ކ. ހިންްމަފުށިންގަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރި ނަމަވެސް ފަސް ވަގުތު ވެސް ބަންގިގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ސާފުކުރުން ފަދަ ކަންކަން ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
މިހެންކަމުން، މިދަނޑިވަޅުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދުނުކުރާ ގޮތަށް ނިންމި ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމަށް މިނިސްޓަރު އިލްތިމާސްކުރައްވަ އެވެ.
އެގޮތުން ބަލިމަޑުކަމުން ސަލާމާތް ކުރެއްވުމަށް އެދި ވީހާވެސް ގިނައިން މާތް ﷲގެ ހަޟުރަތުގައި ދުއާ ކުރުމަށް ވެސް މިނިސްޓަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.