ads
ޑރ. ޖަމީލް މީގެ ކުރިން ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި
ނުފޫޒް ނުފޯރުވާ ޔާމީންގެ މައްސަލަ ނިންމައިދީ: ޑރ. ޖަމީލް
ޝަރީއަތަށް ނުފޫޒް ނުފޯރުވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ނިންމައިދެއްވުމަށް، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސްވަކީލް އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެދިވަޑައިގެންފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި އަދި މަނީލޯންޑަރ ކުރިކަމަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލް ކުރި ނަމަވެސް އެއްމެ ފަހުވަގުތު ކެންސަލް ކުރުމާއި ގުޅިގެން، ހައިކޯޓުގެ ބޭރުގައި ހުންނަވައި، ނޫސްވެރިންނާއި ބައްދަލުކުރައްވައި، ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީނުގެ މައްސަލައިގެ ޝަރީއަތް ލަސްކުރަމުންދަނީ ސީދާ ނުފޫޒު ފޯރުވައިގެން ކަމަށާއި މި މައްސަލައިގައި ކުރިއަށް ދެވޭނެ މަގެއް ދެން އެނގޭނީ ވެސް މައްސަލަ ނިންމައިދީގެން ކަމަށެވެ.

ހައިކޯޓުގައި މިއަދު ތާވަލް ކުރި އިސްތިއުނާފީ މައްސަލަ ކެންސަލް ކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގަވައިގެންނެވެ. މިމައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި އެއްމެ ފަހުން ބޭއްވީ މިމަހުގެ 6 ވަނަދުވަހުއެވެ. 

"ހުކުމެއް ކޮށްދެއްވާށޭ، އޭރަށްތާ ދެން އެނގޭނީ އަޅުގަނޑުމެންނަށް ދެން އޮތް މަގުން ވެސް ހިނގަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ، މައްސަލާގައި މިހާރު އޮތީ އަޑުއެހުންތައް ނިމިފައި ކަމަށާއި ދެން އޮތީ އެންމެ ފަހު ބަސް އިއްވުން ކަމަށެވެ. އެކަމަށް މާދިގު އަޑުއެހުމެއް ވެސް ބޭނުން ނުވާނެ ކަމަށާއި އެހެންކަމުން މައްސަލަ އޮތީ ވަރަށް އަވަހަށް ނިންމާލެވޭ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އާދޭހާ އެކު އެދެނީ މިކަމަށް ދައުލަތުން ހުރަސް ނޭޅުމަށް ކަމަށާއި ޖަލުގައި ޔާމީން ހޭދަކުރައްވާ ކޮންމެ ދުވަހަކީ ވެސް އަނިޔާ ކަމަށް ޖަމީލު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ޔާމީނުގެ އިސްތިއުނާފީ ހައްގު ގެއްލިގެންދާއިރު، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލައާމެދު ގޮތެއް ނިމެންދެން ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތުން ހައިކީޓުގައި އެދިފައިވެއެވެ. އެހެން ނަމަވެސް އެފުރަސަތެއް ނުދެވޭނެކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ. 

މިހަފްތާތެރޭގައި، ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ލަސްވާކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ގެ ލީޑަރޝިޕްގެ އިސްބޭފުޅުންތަކެއް ހައިކޯޓަށް ޒިޔާރަތްކޮށް، އެމައްސަލަ އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް