މިރަސްމިއްޔާތުގައި ރައީސުޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢުދާއި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ސައުދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއަކީ، ދީނީގޮތުންނާއި ޘަޤާފީގޮތުން އަދި ތާރީހީގޮތުންވެސް ގާތްގުޅުންތަކެއް އޮތް ދެ ޤައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ހިޖާޒުކަރަ އާއި ނަޖުދުކަރަ އެކުވެ ކިންގްޑަމް އޮފް ސަޢޫދީ އަރަބިއްޔާ އުފެދިގެން އައިގޮތުގެ މައްޗަށްެވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި ފާއިތުވި ތަނުގައި، ސަޢޫދީ ޢަރަބިއްޔާއަށް އައިސްފައިވާ ބަދަލުތަކާއި، ޢުމްރާނީ ތަރައްޤީއާއި އިޤްތިސާދާއި ތައުލީމާއި ޞިއްހަތާއި ޓެކްނޮލޮޖީފަދަ ދާއިރާތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަޢުރީފްކުރެއްވިއެވެ.
ދިވެހިރާއްޖެއާ ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާތަނަށް ދެޤައުމުގެ ގުޅުންތައް ބަދަހިވެ ކުރިއަރައިގެން ގޮސްފައި ވަނީ، ދެޤައުމުގެ އިސްވެރިން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން، ދިވެހިންނަށް އީ-ވިސާ އަދި އޮން އެރައިވަލް ވިސާ ދިނުމަށް މިއަހަރު ސަޢޫދީ ސަރުކާރުން ނިންމި ނިންމުމަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ޒައާމަތުގައި، ސައޫދީ އަރަބިއްޔާއާ ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ވަނީ ދެއްވާފައެވެ.
ރާއްޖެއާ ސައޫދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 17 މާރިޗު 1981 ގައެވެ.