ads
ބޮން ގޮއްވާލި ތަން
ބޮން ގޮއްވާލި މައްސަލާގައު ތުހުމަތުކުރާ އަލީ މަނިކު 5 އަހަރަށް ޖަލަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ، ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓް ކުށް ސާބިތުވެގެން ފަސް އަހަރަށް ޖަލަށް އޭނާ ޖަލުމަށް ހުކުމްކޮށްފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ އަލިމަނިކުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާއާއެކު ދައުލަތުން ދައުވާ ކުރި ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ހުކުމް ކުރިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި އަލި މަނިކަކީ، ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ އިތުރުން ބޮން ގޮއްވާލި އަދުހަމް ފިލުމަށް އެހީތެރިވެދިން މީހާއެވެ. އަދި ތަސްލީމަކީ، ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ މަރާލަންޖެހޭ މީހެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މީހުން ވައްދާ ސެލްއެއްގެ ގޮތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާ އެވެ.  

މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ގާޒީ ފާހަގަ ކުރެއްވީ ގާނޫނުގައި އެ ދައުވާ ސާބިތުކުރުމަށް ވަކި ބާވަތްތަކެއްގެ ހެކި ބަޔާންކޮށްފައިވާ އިރު އެއިން މަދުވެގެން ހަތަރު ބާވަތުގެ ހެކި ހަމަވާން ޖެހޭ ކަމަށެވެ. ތަސްލީމުގެ މައްޗަށް ކުށް ސާބިނުވާ ކަމަށް ކަނޑައެޅީ މަދުވެގެން ހަތަރު ބާވަތުގެ ހެކި ނެތުމުންނެވެ. ގާޒީ ވިދާޅުވި ގޮތުގައި ތަސްލީމާ ދެކޮޅަށް އޮތް ހަމައެކަނި ހެކިތަކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ސިއްރު ދެ ހެއްކެއްގެ ހެކިބަހެވެ. އެހެންކަމުން އެއީ ދެ ބާވަތުގެ ހެއްކެކެވެ. 

މެއި ހައެއްގައި ދިން ނުރައްކާތެރި ހަމަލާއިން ލިބުނު ޒަޚަމްތައް ފަސޭހަވެއްޖެ ކަމަށާއި އެހެންނަމަވެސް ޒަޚަމްތަކުން ލީ ލަކުނު ދުވަހަކުވެސް ނުފިލާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. 

2021 ވަނަ އަހަރުގެ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، އަމިއްލަފުޅު ގެކޮޅުން ނުކުމެ ވަޑައިގެން ހިންގަވާފައިވާ ދަނިކޮށް ސައިކަލެއްގައި އެއްޗެއް ހަރުކޮށްގެން ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވިއެވެ. އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލިގައި ފަރުވާ ހޯއްދެއްވުމަށް ފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އޭނގެ ފަހުން އިނގިރޭސިވިލާތުގައިވެސް އެ މަނިކުފާނުވަނީ ފަރުވާ ހޯއްދަވާފައެވެ. 

ބޮމުގެ ހަމަލާއާ ގުޅިގެން ކުރި ދައުވާތަކުގެ ހުލާސާ

މި މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ. އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެއީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ވަނީ ވަކިވަކިން ދައުވާތަކެއް އުފުލާފަ އެވެ. 

ދައުލަތުން މި މީހުންގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާ ތަކަކީ:

  • ތަހުމީން އަހްމަދާއި އަލީ ހައިޝަމާއި މުޖާޒް އަހްމަދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއިދު ކުރުމުގެ ދައުވާ
  • ތަހުމީނު އަހުމަދާއި އަލީ ހައިޝަމްގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ
  • މުޖާޒު އަހްމަދުގެ މައްޗަށް އުފުލާފައިވާ ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
  • ފަހުމީ އަލީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
  • މުހައްމަދު ނާޒިމާއި އިސްހާގުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
  • އިސްހާގުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް