ޗައިނާގެ ހަންޒޫގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލުން ރާއްޖެ ޓީމު ޖާގަ ހޯދީ ގަދަ 16ގެ މެޗުގައި ނޭޕާލް ބަލިކޮށްގެންނެވެ. ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 3-1 އިންނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ކުއާޓާ ފައިނަލަށްވެސް ރާއްޖެ ދަތުރުކުރީ ގަދަ 16 ގައި ނޭޕާލް ބަލިކޮށްގެންނެވެ.
މިފަހަރުގެ ގަދަ 16 މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭގެ ފާތިމަތު ނަބާހާ ވާދަކުރީ ނޭޕާލްގެ ރަޝީލާ މަހަރްޖަންއާއެވެ. މި ޓައި ނަބާހާ ކާމިޔާބުކުރީ 2-1 އިންނެވެ. ސެޓުތައް ނިމުނީ 24-22، 19-21 އަދި 21-13 އިންނެވެ.
ދެވަނަ ޓައިގައި ރާއްޖޭގެ އާމިނަތު ނަބީހާ ވަނީ ނޭޕާލްގެ ނަންގްސަލް ތަމަންގް އަތުން ސީދާ ދެސެޓުން މޮޅުވެފައެވެ. ސެޓުތައް ކާމިޔާބުކުރީ 21-9 އަދި 21-11 އިންނެވެ.
ތިންވަނަ ޓައިގައި ނޭޕާލްގެ އަނޫ މާޔާ ރާއި ވަނީ ރާއްޖޭގެ އާމިނަތު އަފްނާން ރަޝީދު އަތުން ސީދާ ދެސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. ސެޓުތައް ގެންދިޔައީ 9-21 އަދި 11-21 އިންނެވެ.
ރާއްޖެއިން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ފުރަތަމަ ޑަބަލްސްގައި ނޭޕާލްގެ ރަޝީލާ އާއި އަނޫ މާޔާގެ ޕެއާ ބަލިކޮށްގެންނެވެ. މި ޕެއާ އާއި ދެކޮޅަށް ރާއްޖެއިން ނުކުތީ ނަބާހާ އާއި ނަބީހާގެ ޕެއާއެވެ. މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 21-13 އަދި 21-19 ގެ ނަތީޖާއަކުން ސީދާ ދެސެޓުންނެވެ.
ކުއާޓާ ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ސައުތު ކޮރެއާއާއެވެ.