ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ގެންނަންޖެހެނީ ފަސޭހަ މަގަކުން ރައީސާއި ވަޒީރުން ޖަވާބުދާރީ ކުރުވޭނެ އިންތިޒާމެއް
އެންމެ ކުޑަމިނުން ދައުރުގެ މެދުތެރެއިން ދެކޭގޮތް ހާމަ ކުރަން އިންތިހާބެއް ދޭން ޖެހޭ
މާދަމާ މި ގައުމުގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރާނެއެވެ. ލަސްވެގެން ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ރައީސް ކަމާ މީހަކު ހަވާލުވާނެއެވެ. އޭނާއަށް އެ ލިބެނީ ފަސް އަހަރު ދުވަހުގެ ގެރެންޓީ މަގާމެއް ފަދަ މަގާމެކެވެ

އޭނާ ޖަވާބުދާރީ ކުރުވުމަކީ މިހާރު އޮތްގޮތަށް ބަލާ ނަމަ އެއީ އެހާ ފަސޭހަ ކަމަކަން ނުވެއެވެ. ހުރިހާ މައްސަލައެއް އުފަންވުމުގެ އަސްލަކީ ޖަވާބުދާރީ ކުރެވުމާއި ޒިންމާދާރު ކުރެވޭނެ ފަސޭހަ މަގެއް ނެތުންބާވަ އެވެ.

ސުވާލަކީ ރައީސް ޖަވާބުދާރީ ކުރުވުން އެހާ ދަތި އުނދަގޫ ގޮތަކަށް ބޭއްވުމުން ގައުމަށް ލިބުނީ ކޮން ފައިދާއެއްތޯ؟ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އަކީ މަސްހުނިގަނޑެއް ކަހަލަ އެއްޗެއްކަމަށް ބެލުމުގެ ފުރުސަތު އިންތިހާއަށް އޮތް އިރު ގާނޫނު އަސާސީ އޮތް ގޮތުން ރައީސް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އޮތް މަގަކީ އެހާ ފަސޭހަ މަގަކަށްނުވެ އެވެ.

ފަނަރަ ވަރަކަށް ނުވަތަ 30 ވަރަކަށް މިނިޓަށް ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އުފެއްދުންތެރިކަމާއެކު ވަޒީރު ވެސް ޖަވާބުދާރީ ނުކުރެވެ އެވެ. ވަޒީރު ޖަވާބުދާރީ ކުރުވުމަކީ ރައީސް ޖަވާބުދާރީ ކުރުވުން ކަމަށް ބަލައިގެން ތިބި ނަމަ މި ތިބެވެނީ ރަނގަޅު މަގުގައިތޯ ވިސްނާލަން ޖެހެ އެވެ. 

ސަރުކާރު ހިންގަން ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުވުމަކީ ގައުމުތަކުގެ އެންމެ މަތީ މަސްލަހަތު ކަމަށް ވިޔަސް، އެގައުމުތަކުގައި އެކަންކަން ކުރުމަށް އޮތް ކަހަލަ ފަސޭހަ ނުވަތަ ޒިންމާދާރު ކަމާއެކު އެކަންކަން ކުރެވޭނެ ގޮތްވަނީ ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ގޯހަކަށް ވެދާނެ ބާއްވަ އެވެ.

your imageމުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވެފަ: ފޮޓޯ އަދަދު

އެއީ ވެރިކަމުގައި ހުންނަ މީހާގެ ބާރުން ނުވަތަ އެހެން ވެސް މަދު ބައެއްގެ ސަބަބުން ނަމަވެސް މިދިޔަ 15 އަހަރު ދުވަސް މިދަނީ މިކަހަލަ ގޮތަކަށެވެ. މަޖިލީހަށް ދީފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރާއި އަދުލުއިންސާފު ގާއިމް ކުރާ ފަރާތް ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުން އޮތް ނަމަވެސް އެކަން އެ މަގުން ނުހިނގާ ކަމަށް ރަށު ތެރޭގައި ދައްކާ ވަހަކައިން އެނގެއެވެ. 

ފެހި ގާނޫނު އަސާސީއަށް އަމަލު ކުރުމުގެ ކުރިން މަޖިލިސް އެކުލެވިގެންވަނީ ރައީސް އައްޔަނު ކުރާ 8 މެމްބަރުން ހިމެނޭ ގޮތަށެވެ. އެ ގޮތް ގަބޫލު ނުކުރެވިގެން އިސްލާހުކޮށް އަމަލު ކުރަން ފެށި ގާނޫނު އަސާސީން އުފަން ކުރުވި މަޖިލީހުގައި ތިބެނީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ މީހުން ކަމަށް ވިޔަސް މަޖިލީހަށް މެމްބަރުން ހޮވޭގޮތާއި ހޮވުމަށް ފަހު އެ މީހުން އަމަލު ކުރާ ގޮތަށް ބަލާއިރު ރައީސްގެ އަށް މެމްބަރުންނާއި އެމީހުންނާ ހުރި ތަފާތު ވަޒަންކޮށްލުން މިއީ ރަނގަޅު ކަމަކަން ނުވާނެތޯ އެވެ. ހަގީގަތުގައި ގައުމަކީ އެންމެންގެ އެއްޗެކެވެ. 

your imageއިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން

ޑިމޮކްރަސީގެ އުސޫލަކީ ގިނަ ބަޔަކު ބޭނުންވާ ގޮތައް ކަންކަން ނިންމުން ކަމަށް ވިޔަސް މައިނޯރިޓީގެ ހައްގުތައް ރައްކާތެރިވާން ޖެހޭނެއެވެ. އެހެން ކަމުން މައިނޯރިޓީގެ ތުހުމަތުތައް ސާފުކޮށް މައިނޯރިޓީން ތުހުމަތު ކުރާ ކަންކަމުގެ ހަގީގަތް ހޯދައި އެ މީހުންގެ ތުހުމަތަކީ ތެދުތޯ ނުވަތަ ދޮގުތޯ ބެލޭނެ އިންތިޒާމެއް ގާއިމް ކުރުމަކީ ގައުމެއްގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އާ ގާނޫނު އަސާސީއަށް ވާސިލުވެ އެ ގާނޫނު އަސާސީން ކަނޑައަޅާފައިވާ މިންތަކުން ރާއްޖެ ހިންގަން ފެށި ނަމަވެސް ހަގީގަތަކީ އެ ގާނޫނު އަސާސީ އުފަންވެގެން އައީ ގައުމީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމެއް ވުރެ ބޮޑަށް ވެރިކަން ބަދަލު ކުރުމަށެވެ.

އެއް ބައެއްގެ އަމާޒު ހުރީ އޭރު އޮތް ވެރިކަން ނިމުމަކަށް ގެނައުމެވެ. އަނެއް ބައެއްގެ މަސައްކަތަކަށްވީ އޭރު އޮތް ވެރިކަން ދެމެހެއްޓުމެވެ. އެއްވެސް ހާލެއްގައި ގައުމު ރަނގަޅު މަގުން ހިންގުމަށްޓަކައި މާ އިންސާފުވެރި ނިޒާމަކާއި އިންސާފުވެރިކަމާއެކު ގައުމުގެ ކަންކަން ހިންގާ އަދި ގައުމާ ހަވާލުވާ ބަޔަކު ޖަވާބުދާރީ ކުރުވުމާއި ޒިންމަދާރު ކުރެވޭނެ ފަސޭހަ މަގެއް ލިޔެ އެ މަގަށް ގައުމު ގެންދިއުމަކީ އެ މީހުންގެ ވިސްނުމަކަށްވީ ނަމަ މިއަދު މި ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް އޮންނާނީ ފެނިފަކަމަށް ބެލެވެ އެވެ. 

ރާއްޖެ ހިންގާ ޒާތުގެ ނިޒާމަށް ހިންގާ ގައުމުތަކުގައި އެންމެ ފަސޭހައިން ނުވަތަ ސުލްހަވެރިކަމާއެކު ސަރުކާރާ ދެކޮޅަށް ނަތީޖާއެއް ލިބޭގޮތަށް ބަސް ބުނުމުގެ ފުރުސަތު ފަހިކޮށްދީފައި އޮންނަ އެއް ކަމަކީ މެޓްޓާމް އިލެކްޝަނެއެވެ.

your imageރިޔާސީ އިންތިހާބުގެ ވޯޓުލުުން: ފައިލް ފޮޓޯ ޕީއެސްއެމް

ނަމަވެސް އެވަރުގެ ފުރުސަތެއް ވެސް ރައްޔިތުންނަށް ނުދީ ފަސް އަހަރު ވަންދެން ރައީސާއި މެމްބަރުންނާ ދިމާލަށް އެކި ފާޑު ތުހުމަތުކޮށްލަކޮށްލާ މިއަދު ވަނީ ތިބެން ޖެހިފަ އެވެ. ކިތަންމެ ބޮޑު ގޯހެއް ހެދި ނަމަވެސް ރައީސް އާއި މެމްބަރުން ޖަވާބުދާރީ ކުރުވައި އެ މީހުންނަށް އޮތް ތާއިދު ވަޒަންކޮށްލާނެ ހަލާލު މަގެއް ވެސް، ގާނޫނު އަސާސީ ހެދި 113 ވަރަކަށް މެމްބަރުންނަށް، ރައްޔިތުންނަށް ދޭން އެއްބަސްވެ އެކަން ގާނޫނު އަސާސީގައި ކަނޑައަޅަން ނުކެރުނީ ހަމަ ގައުމުގެ ހައްގުތޯއެވެ. 

އެ މަގު ނޫން ނަމަވެސް ރައީސާއި މެމްބަރުން މިހާރަށްވުރެ ފަސޭހަ ގޮތެއްގައި ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވޭނެ މަގެއް ހޯދުމަކީ މި ވަގުތު ގައުމަށް އޮތް އެންމެ ބޮޑު ފަރުވާއެވެ. ސަބަބަކީ ފަސް އަހަރު ވަންދެން ރައީސާއި ބައެއް މެމްބަރުންނާއި ސަރުކާރު ހިންގުމުގައި ސާމިލުވާ މީހުންނާ ދިމާލަށް ތަފާތު ތުހުމަތުކޮށް "ވަގަށް" ގޮވަން ނުޖެހި އަދި އެ ފަދަ އަމަލު ކުރާ ނަމަ ފަސް އަހަރުވަންދެން ގައުމުގެ މުއްސަނދިކަން ނަހަމަގޮތުގައި "ވަގަށް" ނަގަ ނަގާ ތިބުމުގެ ފުރުސަތު ލިބިގެން ނުދާނެތީ އެވެ.

"ވައްކަން" ކުރުމާއި ގައުމު "އަޅުވެތި" ކޮށްލުމުގެ ފުރުސަތު ފަސް އަހަރަށް ދޫކޮށްލައިގެން ތިބުމުން ލިބޭ ގެއްލުން އަދަދު ނުކުރެވި ގައުމު ނިކަމެތިވެގެން ދާކަމަށް ބުނެ އުފުލާ އަޑު މަޑެއް ނޫންނެވެ. ގައުމު ސަލާމަތް ކުރުމަށްޓަކައި ރައީސާއި ސަރުކާރު އަދި ބައެއް މެމްބަރުން ޖަވާބުދާރީ ކުރުވުމަށް ފަސޭހަ މަގެއް ހޯދަން ސިޔާސީ އިސްވެރިންނާއި ޕްރެޝަ ގްރޫޕްތަކުން އިސް ނަގަން ޖެހޭ ވަގުތު އަދި ވެސް ހަމަ ނާންނަނީ ބާވަ އެވެ. ގާނޫނު އަސާސީ ބަދަލުކޮށްގެން ނަމަވެސް އެކަން ކުރުމަށް މަޖުބޫރު ކުރުވަން ތެދުވުމަކީ ގައުމަށް އޮތް ފަރުވާއަކަށް ހަދަމާ ހިނގާށެވެ. މިއީ ނުކޮށް ފަސްކޮށްގެން ތިބެންވާ ވަރުގެ ކަމެއް ނޫންތަ އެވެ. ގައުމެއްގެ ހަޔާތުން ފަސް އަހަރަކީ ކުރު މުއްދަތެއްކަމަށް ބަލާ ނަމަ މި ގައުމު ސަލާމަތް ކުރެވޭއިރު ލިބޭ ގެއްލުން އަދަދު ކުރަން ވެސް ނޭނގި ހިނގައިދާނެ ބާވަ އެވެ 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް