އެޗްއާރުސީއެމުން ބުނީ މިއަދު ކުރިއަށްދާ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު ގްރޭޓާ މާލޭގެ އިތުރުން 18 އަތޮޅެއްގެ 31 ރަށަކާއި ދެ ރިސޯޓަކާއި ދެ ޖަލެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އޮބްޒާވްކުރުމަށް އެ ކޮމިޝަނުގެ ފަރާތުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ޖުމްލަ ގޮތެއްގައި އަތޮޅުތެރޭގެ 94 މަރުކަޒަކާއި ގްރޭޓާ މާލޭގެ 106 މަރުކަޒަކާއި ޖަލުގައި ބެހެއްޓޭ ތިން މަރުކަޒެއް ހިމެނޭ ގޮތުން ޖުމްލަ 203 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓްފޮށިތައް އެ ކޮމިޝަނުން އޮބްޒާވް ކުރަމުންދާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ އަތޮޅުތެރޭގެ 16 މަރުކަޒަކާއި ގްރޭޓާ މާލޭގެ 14 މަރުކަޒަކާއި މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓު މަރުކަޒު ހިމެނޭ ގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ވޯޓުލާ މަރުކަޒުގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމައަށް 31 މަރުކަޒެއް ދަނީ އޮބްޒާވްކުރަމުން ކަމަށެވެ. އޭގެ އިތުރުން އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 76 މަރުކަޒަކާއި ގްރޭޓާ މާލޭގެ 92 މަރުކަޒަކާއި މާފުށީ ޖަލާއި ދޫނިދޫ ޖަލު އަދި ދެ ރިސޯޓެއް ހިމެނޭ ގޮތަށް 172 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ދަނީ އޮބްޒާވްކުރަމުން ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
އެޗްއާރުސީއެމުން ބުނި ގޮތުގައި މި މަސައްކަތުގައި އެކި ރަށްރަށުން ނަގާފައިވާ 12 ލޯންގް ޓާމް އޮބްޒާވަރުންނާއި ހަ ހިއުމަން ރައިޓްސް ޑިފެންޑަރުންނާ އެކު އެ ކޮމިޝަނުގެ 82 މުވައްޒަފެއް ދަނީ ހަރަކާތްތެރިވަމުން ކަމުގައެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮބްޒާވްކުރުމުގެ ތެރެއިން މިހާތަނަށް އެޗްއާރުސީއެމުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:
- އޮބްޒާވް ކުރި ހުރިހާ މަރުކަޒެއްގައިވެސް ހެނދުނު 8:05 ގެ ކުރިން ވޯޓުލުން ފެށިފައިވޭ.
- ހުރިހާ ވޯޓުލާ ސަރަހައްދެއްގައިވެސް މަރުކަޒު ފާހަގަވާ ގޮތަށް ދާންވީ މަގު އަންގައިދިނުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވޭ.
- މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާ އެކު ކުރިއަށްދޭ.