ads
ތިލަމާލެ ބްރިޖު މަސައްކަތުގެ ތެރެއިން
ތިލަމާލެ ބްރިޖު ނުނިމުމަކީ ދެރަވާ ކަމެއް: ރައީސް
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުނު ނަމަ، ރިޔާސީ އިންތިހާބުގެ ނަތީޖާއިން ތަފާތު ފެނުނީސް ކަމަށް، ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ސްޕީޑް ލަސް ކަމަށް ސަރުކާރުން ވެސް ރިޔާސީ އިންތިހާބުގެ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބްރިޖު ނިންމަން އޮތް މުއްދަތަކަށް ނުނިންމުނު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ލާބައާ މަންފާއަށް، އަދި ގައުމުގެ ތަރައްގީއަށް ފަށާފައިވާ ގިނަ މަޝްރުއޫތަކެއް މިހާރުވެސް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެއީ [ބްރިޖު މަޝްރޫއު ނުނިމުމަކީ] އަޅުގަނޑު ދެރަވާ ކަމެއް. އެކަން ކުރެވުނު ނަމަ، ކޮށް ނިންމުނު ނަމަ، އަޅުގަނޑުމެންގެ މި އިންތިހާބުގެ ނަތީޖާއަށް ހެޔޮ އަސަރެއް ކުރީސްކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެން ނަމަވެސް، ޓެކްނިކަލް އެތައް މައްސަލައަކާ ހެދި އެކަން ފަސްވެގެން ގޮސްފައި އޮތްކަން ފާހަގަކުރެވޭ،" ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އަދި މި އިންތިހާބަށް ފަހު ވެސް ސިޔާސީ މަސައްކަތްތަކާ ދުރައް ވަޑައިނުގެން، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތަކާ އެއްގޮތަށް އެމަނިކުފާނަށް ވަނީ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެވެ. އަދި ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"... ކުރިއަށް އޮތް ހައެއްކަ މަސް، އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ފެނިގެންދާނެ، ރައްޔިތުން އެކަން ގަބޫލު ވެސް ކުރާނެ، ރައްޔިތުން އެކަން ހާމަކުރަމުން ދާތަން ވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ލަފާކުރެއްވި އެވެ.
64%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް