ads
ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު (ވ) އާއި ހަމާސްގެ ބާނީ އަހްމަދު ޔާސީން (ކ) ހަމާސް އުފެއްދީ ޔާސީންގެ ބެލުމުގެ ދަށުން
ހަމާސްއަކީ ހަމައެކަނި ޖަމާއަތެއް ނޫން؛ އެއީ ފަލަސްތީނު ރައްޔިތުން ޖަވާބު
ފަލަސްތީނުގެ ބިންތައް ޔަހޫދީން ޖަހައިގަތް ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، މިވީ 75 އަހަރުވީ ދިގު ތާރީހުގެ ތެރޭގައި، ޔަހޫދީ ޖައްބާރު އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ، ހަތިޔާރު އެޅި ޖަމާއަތްތަކެވެ.
Advertisement

އެގޮތުން އިސްލާމިކް ޖިހާދު ޖަމާއަތާއި ފަތްހު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އަލްއަގްސާ ބްރިގޭޑް މާޓީސް އާއި ޕޮޕިއުލަރ ފްރަންޓް ޖަމާއަތާއި ޑިމޮކްރެޓިކް ފްރަންޓް ޖަމާއަތުގެ މުޖާހިދުން ވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ޔަހޫދީ ޖައްބާރު އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވަމުން ގެންދެ އެވެ. ނަމަވެސް ޔަހޫދީ ޖައްބާރު އިޒްރޭލުގެ ހަރުކަށި އަދި އަނިޔާވެރި އަސްކަރީ ސިފައިންނާއި ދެކޮޅަށް ފަލަސްތީނުން ކުރާ މިނިވަންކަމުގެ ޖިހާދުގެ އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ "ހަމާސް" ގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ (ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑް) ހަމާސް ޖަމާއަތެވެ.

ޔަހޫދީ ޖައްބާރު އިސްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތަށް ސަތޭކަ މުސްލިމުން މަރައި ގެދޮރު ހަލާކުކުރުން ފަދަ ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާއިރު ޔަހޫދީ ޖައްބާރު އިސްރާއީލު ހުއްޓުވޭނެ ފަރާތެއް އަދަބެއް ދޭނެ ބައިނަލްއަގްވާމީ މުއައްސަސާއެއް ނެތެމުން ޔަހޫދީ ޖައްބާރު އިސްރާއީލު ސިފައިން ބަލިކުރުމަށް މައުނަވީ އަސްކަރީ ރޫހުގެ ވައުދާއެކު ހަމާސް ޖަމާއަތް އުފެދުނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، 1987 ވަނަ އަހަރު، ފަލަސްތީނުގެ ރައްޔިތުން ހަށިފޮޅާލާފައި ތެދުވި ތެދުވުމުގެ ތެރެއިން ނުވަތަ ފުރަތަމަ އިންތިފާޟާގެ ތެރެއިންނެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ހަމާސް ޖަމާއަތް އުފެދުނު ފަހުން މިވީ 36 އަހަރުގެ ތެރޭގައި، އެ ބަޔަކު ނައްތައިލަން ޔަހޫދީ ޖައްބާރު އިޒްރޭލުން އެންމެ ބޮޑަށް މަސައްކަތްކުރި ބަޔަކީ ވެސް "ހަމާސް" ޖަމާއަތުގެ އިސް ވެރިންނެވެ.

ފަލަސްތީނުގެ ބިމުގައި ތުއްތު ކުދިންނާއި އަންހެނުން ކަތިލަމުންދާއިރު، ބައެއް އަރަބި ގައުމުތަކުން ޖުމްލަކޮށް މުޅި ދުނިޔެ އެކަމާ މެދު މާބޮޑު އެއްޗެއް ނުބުނެ ހަނު ތިބެނީ ކީއްވެގެންތޯ އެވެ؟ ހަގީގަތުގައިވެސް، ގާޒާގެ ތުއްތު ކުދިންގެ ރުއިމާއި، އަންހެނުންގެ ގިސްލުމުގެ އަޑު، ދުނިޔޭގެ ކަންފަތާ ހަމައަށް ނުފޯރަނީތޯ، މިއީ މިއަދު ފެންމަތިވެފައިވާ ސުވާލެކެވެ. އެއްވެސް ކުލުނެއް، ރަހުމެއް ނެތި ޝަހީދުކޮށްލާފައިވާ ކުށެއްނެތް މައުސޫމް ކުދިންގެ ލެއިން ކަޅިވެފައިވާ ހަށިތައް ފެންނަ ހިނދު އަރަބި ބައެއް ވެރިންގެ ހިތްތަކަށް ހަމަ ކުޑަވެސް އަސަރެއް ރަހުމެއް ނުކުރަނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބެއް ދެވޭތޯ މަސައްކަތް ކުރަނީ ވެސް "ހަމާސް" އެވެ.

  • ހަމާސް އުފެދުން

ޔަހޫދީ ޖައްބާރު އިސްރާއީލުން ފަލަސްތީނުގެ ކުރީގެ ލީޑަރު ޔާސިރު އަރަފާތު ޝަހީދުކޮށްލުމުން (ޖައްބާރު ޔަހޫދީ އިސްރާއީލުގެ ހިސާރުގައި ހުންނަވަނިކޮށް 2004 ވަނަ އަހަރު އަރަފާތު އަވަހާރަވީ ވިހައިގެ ސަބަބުންކަން ކަމާބެހޭ މިނިވަން މެޑިކަލް ތަހްގީގްތަކުން ވަނީ ކަށަވަރުވެފަ) 2005 ވަނަ އަހަރު ފަލަސްތީނުގައި ބޭއްވި އާންމު އިންތިހާބު ހަމާސް ޖަމާއަތުން ކާމިޔާބު ކުރުމާއެކު ހަމާސްގެ ސަރުކާރެއް ފަލަސްތިނުގައި އުފެދިގެން ދިޔައެވެ. މިއާއެކު ގާޒާ ގައިތިބި އިސްރާއިލު ސިފައިން އެސަރަހައްދު ދޫކޮށް އަމިއްލައަށް ދިޔައެވެ. ނަމަވެސް ވަޔާއި ކަނޑުގެ މަގުން ހިސާރުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. އަނެއްކޮޅުން ހުޅަނގުގެ ގައުމުތަކުން ހަމާސްގެ އިންތިހާބީ ސަރުކާރުން ގަބޫލުކުރަން ދެކޮޅު ހެދުމާއެކު ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް، ހަމާސްގެ ސަރުކާރު އުވާލެއްވީ އެވެ.

އައްބާސްގެ މި ނިންމުމާ މެދު ހިތް ހަމަނުޖެހި ހަމާސް ޖަމާއަތުން ފަތަހަ ޖަމާއަތާ އޮންނަ ގުޅުން ކަނޑާލައި، ގާޒާއަކީ ހަމާސް އިން ވެރިކަންކުރާ ސަރަހައްދެއްގެ ގޮތުގައި އެ ޖަމާއަތުން ކަނޑައެޅި އެވެ. މިއާ ވިދިގެން ދެން ފެނިގެންދިޔައީ ޖައްބާރު އިޒްރޭލުން ގާޒާއާ ދެކޮޅަށް ހިސާރުގެ އިތުރު ފިޔަވަޅުތައް އަޅައި ގާޒާ "އޯޕަން" ޖަލަކަށް ހެދި ތަނެވެ. އެއީ 2006 ވަނަ އަހަރެވެ. އަދި ވަޔާއި އެއްގަމާއި ކަނޑުގެ މަގުން ގާޒާއަށް ވެދެ ނުކުތުން އެއްކޮށް ކޮންޓްރޯލްކޮށް އިސްރާއީލުގެ ހިސާރާއި ވަރުގަދަ އަޅުވެތި ކަމެއްގެ ދަށަށް ގާޒާ ގެންދިޔައެވެ. މިއަދާ ހަމައަށް ވެސް ގާޒާ އޮތީ އިސްރާއީލުގެ އަނިޔާވެރި ހިސާރާއި އިސްތިއުމާރުގެ ދަށުގައެވެ.

your imageހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި އެ ޖަމާއަތުގެ ބައެއް އިސްވެރިން --- ފޮޓޯ: އޭޕީ

ޔަހޫދީ ޖައްބާރު އިސްރާއީލުގެ އިސްތިއުމާރަށް ވާގިވެރިވެ ފަލަސްތީނު އަޅުވެތިކުރަން ޖައްބާރު ޔަހޫދީ އިސްރާއީލަށް ހިތްވަރުދޭ ހުޅަނގުގެ މުނާފިގު އިސްތިއުމާރީ ބާރުތަކަށް އަދި ވެސް އޮތް އެންމެ ބޮޑު ބިރުވެރި އެލާޓަކީ "ހަމާސް" އިން ގާޒާގައި ވެރިކަން ކުރަމުން އައުމެވެ. އަދި ގާޒާގެ ވެރިކަމުގައި ހަމާސް އަބަދަށްވުމަށް މުޅި ފަލަސްތީނު ދުލުން އެދި އެދި ވުމެވެ. އަދި ޖައްބާރު ޔަހޫދީ އިސްރާއީލުގެ ކޮންމެ ހަމަލާއަކަށް ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑް އަސްކަރީ އަގީދާއަށް މުޅި ފަލަސްތީނު ތަބާވުމެވެ.

ދަރިންގެ ކުރިމަތީ މައިންބަފައިން ޝަހީދުކޮށް، ޅައުމުރުގެ ލޮބުވެތި ހިނިތުންވުން ފޭރިގަނެ، ޔަތީމުކޮށްލާފައިވާ ކުދިންގެ ހާލަތުގެ ކުރިމަތީގައި ހަމާސްގެ ސިޔާސީ ހަރަކާތްތަކުގެ މެނިފެސްޓޯ އަކީ، ފަލަސްތީނުގެ ބިން ބައިނުކުރެވޭނެ ކަމާއި ފަލަސްތީނަށް ވެރިވެގެނެގެންއުޅޭ ޔަހޫދީ އިސްރާއީލު ދަރިކޮޅުގެ ކަށިކޮޅެއް އޮތުމަށް ވެސް އަދި ކިއެއްތަ؛ ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމު ކުރުމަށް ރުހެވިގެން ނުވާނެކަމުގެ ވިސްނުން، ފަލަސްތީނުގެ ރައްޔިތުންގެ ސިކުނޑިތަކުގައި ހަރުލެއްވުމެވެ. އަދި އެ އަޑު ދުނިޔެއަށް އިއްވުމެވެ.

  • ހަމާސްގެ ސަޕްރައިޒް އެއް އިޒްރޭލަށް

1928 ވަނަ އަހަރު މިސްރުގައި އުފެދުނު ދީނީ ސިޔާސީ ޖަމާއަތް، އަލް އިހުވާނުލް މުސްލިމޫން (މުސްލިމް ބްރަދަހޫޑް)ގެ ބިންގަލުގައި އަސްކަރީ ގޮތުން ވަރު ޖެހުނު ހަމާސް އިން އިސްރާއީލް ނުވަތަ އިޒްރޭލްއޭ ކިޔުނު ޔަހޫދީ ދައުލަތާއި ދެކޮޅަށް 20 ވަނަ ގަރުނުގައި ދިން އެންމެ ހިޓު އަސްކަރީ "ސަޕްރައިޒް" އަކީ މިދިޔަ ހޮނިހިރު ދުވަހު ފެށި 'އޮޕަރޭޝަން އަލް އަގްސާ ފްލަޑް'ގެ ނަން ދީފައިވާ ހަރަކާތެވެ.

މިފަހަރު މުޅި ދުނިޔެ އަށާއި އިސްތިއުމާރީންނަށް ހަމާސް އިން ދިން މެސެޖަކީ އެމެރިކާ ހުޅަގުން ޖައްބާރު ޔަހޫދީ އިސްރާއީލު ސިފައިންނަށް އެންމެ ޒަމާނީ ހަތިޔާރުތައް ދޭއިރު ވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަށް އެއްވެސް ހާސް ކަމެއް ނެތް ކަމުގެ މެސެޖެވެ. އަދި ފަލަސްތީނު ޒުވާނުން އިސްރާއީލު ސިފައިން ދެކެ ބިރުގަނެ ޖެހިލުން ނުވާ ކަމުގެ މެސެޖެވެ.

"އޮޕަރޭޝަން އަލް އަގްސާ ފްލަޑް"ގެ ވަރުގަދަ ހަނގުރާމައިގައި މިހާރު ހޭދަވަމުންދާ ކޮންމެ ދުވަހެއް ސާބިތުކޮށްދެނީ، ހަނގުރާމައިގެ އުކުޅުތަކަށް ހަމާސް ފައްކާވެފައިވާ މިންވަރާއި އަސްކަރީ ގޮތުން ކުރިއަރާފައިވާ މިންވަރެވެ. ހުޅަގުގެ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން "ލޮލަށް ގެއްލި" ހަމާސް މިއަދު އެވަނީ ހިސޯރުކޮށްފައި ގާޒާ ބިމުން ނުކުމެ، އިޒްރޭލުގެ އެންމެ އެތެރެއަށް ވަދެ އަސްކަރީ ވަތަނީ ގާބިލުކަން ދުނިޔެއަށް ސާބިތުކޮށްދީ ފައެވެ. ހަމާސް ހުއްޓުވުމަށް، އެންމެ ޒަމާނީ ހަތިޔާރުތަކާ އެކު ޖައްބާރު ޔަހޫދީ އިޒްރޭލުން މަސައްކަތް ކުރާތާ 6 ދުވަސް ވެގެން ދިޔައިރު ވެސް، ހަމާސްގެ ކުރިއެރުން ހުއްޓުވައެއް ނުލެވުނެވެ.

ކަށި ނަރުން ނެއްޓި، އިޒްރޭލުގެ ތެރެއަށް ވަދެގަތުމަށް ހަމާސް ޖަމާއަތުން ބޭނުންކުރި ގޮތްތަކާ މެދު، އަދި އެކަން ކާމިޔާބުވި ގޮތަކާ މެދު އިޒްރޭލުގެ އަސްކަރީ މަދަދު ވެރިންގެ މެދުގައި މިހާރު ވެސް ހުރީ ހުސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ނަމަވެސް ހަމާސް ދުނިޔެއަށް ދައްކުވައި އެދެނީ ހަމާސް އަކީ ހަމައެކަނި އަސްކަރީ، ސިޔާސީ ޖަމާއަތެއް ނޫން؛ ކަމަށާއި ހަމާސް އަކީ ފަލަސްތީނު ރައްޔިތުން ޖައްބާރު ޔަހޫދީ އިޒްރޭލަށް ކުރާ ސުވާލުތަކުގެ "ޖަވާބު" ކަމަށެވެ.

your imageގާޒާގެ އިމާރާތެއް ގޮވާ، ރޯވެ އަނދަނީ. އެ ބިމުގައި އިންސާނުންނަށް ނޭވާ ނުލެވޭ ވަރު ކުރަމުންދާ ކަމަށް ނޫސްވެރިން ބުނޭ

ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އިޒްރޭލުގެ ނަމުގައި އުފެއްދި ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން ހަމާސް ފެށި "އޮޕަރޭޝަން އަލް އަގްސާ ފްލަޑް" އަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި، މިހާތަނަށް ފަލަސްތީނުގެ 1600 މީހުން ޝަހީދުވެ 9000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފަ އެވެ. އަދި ހަމާސްގެ އޮޕަރޭޝަނުގައި މަރައިލާފައިވާ ޔަހޫދީންގެ އަދަދު 1,300 އަށް އަރައެވެ. އަދި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 3000 އަށްވުރެ މައްޗަށް އަރާފައެވެ. 

ހަމާސްގެ މުޖާހިދުންވަނީ ގާޒާ ހުރަސްކޮށް އިސްރާއީލުގެ އެތެރެއަށް ވަދެ އިސްރާއީލުގެ އެތައް އަވަށަކާއި އިސްރާއީލު ސިފައިންގެ އަސްކަރީ މަރުކަޒުތަކެއް ހިފާފައެވެ. ރައްދުގައި އިސްރާއީލުގެ ސިފައިން ގާޒާގެ ތެރެއަށް ވަދެއްޖެ ނަމަ، މިހާރު ލިބޭ ގެއްލުމަށް ވުރެ މާ ބޮޑެތި ގެއްލުންތައް ޔަހޫދީ ޖައްބާރު އިސްރާއީލު ސިފައިންނަށް ލިބޭނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ. ސަބަބަކީ ހަމާސްއަކީ އަޅުވެތިކަމެއްގެ ތެރޭގައި އެތައް އަހަރެއް ވޭތުކުރަން ޖެހުމުގެ ސަބަބުން މާޔޫސްވެފައި ތިބި ރައްޔިތުންތަކެއްގެ ޖަވާބަށް ވުމާއި ހަމާސް ޖަމާއަތް އެ ތަމްސީލުކޮށް ދެނީ، ދައުލަތެއް ވުޖޫދުވުމާއި އެހެން ގައުމުތަކުން އެ ދައުލަތުގެ ސިޔާދަތު ގަބޫލުކުރުމަށް ކެތްމަދުވެފައި ތިބި ރައްޔިތުންތަކެއްގެ އުންމީދާއި، އެކަން ހާސިލު ނުވުމުގެ މާޔޫސްކަން ކަމަށްވާތީ އެވެ.

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް