މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއެކު، މޭޔަރުގެ ހަސިއްޔަތުން ޑރ. މުއިއްޒު ބައްދަލުކުރައްވާ އެންމެ ފަހު ބައްދަލުވުމެއްގެ ގޮތުގައި މިރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ފުރަޔަމަވެސް ޝުކުރު އަދާކުރެއްވީ އެތަނުގެ މުވައްޒަފުންނަށެވެ.
ސަރުކާރުން ކުރިމަތި ކުރުވި ގިނަ ފިއްތުންތަކާއެކުވެސް، މާލޭ ރައްޔިތުންނަށް ކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވި ގޮންޖެހުންތައް ހުރަސް ކުރެވުނީ މުވައްޒަފުންގެ މިނަތާއި، ބުރަ މަސައްކަތުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރުގެ ފަރާތުންނާއި، އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ކަންކަން ނުވެ އޮތްކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެކަމާ ކަންބޮޑުނުވާން މާލޭ ރައްޔިތުންނާއި، ކައުންސިލުގެ މުވައްޒަފުންނަށް އިލްތިމާސްކުރައްވާ މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.