ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމި ތިބި އަދި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާ އިން ދެމުން، ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ ފޯން މެދުވެރިކޮށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާ ވާހަކަފުޅު ދައްކަވާ ގާޒާ އާއި މުޅި ފަލަސްތީނުގެ ހުރިހާ ސަރަހައްދުތަކުގެ ހާލަތު ގޯސްވެ އާންމުން ނުރައްކަލަށް ހުށަހެޅުމާއި ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެތީ ކަންބޮޑުވާކަން ފާޅު ކުރައްވާފައެވެ.
އަދި ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ހޯދައިދީ ހަމަޖެހުން ގެނެސްދިނުމުގައި ސައުދީ ދެމި އޮންނާނެ ކަމަށް ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ބުނީ އީރާންގެ ރައީސް ރައިސީގެ ފޯން ކޯލެއް ބުދަ ދުވަހު ވަލީއަހްދު މުހައްމަދަށް ލިބިވަޑައިގެންފައިވާ ކަމަށާއި ދެބޭފުޅުން މަޝްވަރާ ކުރެއްވެވީ ފަލަސްތީން އާއި ގާޒާގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތް އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންގެ ލޮލަށް ނުފެނުމުގެ ނަތީޖާއަކީ އެމެރިކާ އަދި ހުޅަގުގެ މަދަދުވެރިކަމާއިއެކު ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖައްބާރު އިޒްރޭލު އަސްކަރީ ލަޝްކަރުން ފަލަސްތީނުގެ ރައްޔިތުންނަށް ބޮލައް ބޮންއަޅާ އާންމުން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު މަރަމުން ގެންދިއުމެވެ.
ގާޒާގެ އާއްމުންނަށް އަމާޒުކޮށް ޖައްބާރު ޔަހޫދީ އިސްރާއީލުން ހަމަލާތައްދީ، ބައިނަލްއަޤުވާމީ ހުރިހާ ގާނޫނަކާއި ހިލާފުވަމުން ދިޔަ ނަމަވެސް ހަމަލާތައް ހުއްޓުވުމުގައި އަރަބި ދުނިޔެ ވަނީ ނުކުޅެދިފައެވެ. އިސްރާއީލްގެ ހަމަލާތަކަށް އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން އަންނަނީ ތާއިދު ވެސް ކުރަމުންނެވެ. އަދި މުޅި އިންސާނީ އުންމަތުގެ ސުލްހަޔަށް ގޮވާލަމުންދާ އދ.އަށް ވެސް އިސްރާއީލާއި ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ.
ގާޒާއަށް ދޭން ހުރި ހަމަލާތަކާއި ޔަހޫދީން ރާވާފައި ހުރި ރޭވުންތައް ނިމޭއިރު، މިހާރު އެ އޮތް ގާޒާ ފެންނަން ނޯންނާނެ ކަމަށް ޖައްބާރު ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ. އަދި ގާޒާ އޮތް ތަނުގައި އޮންނާނީ ހުސް ބިމެއް ކަމަށްވެސް އޭނާ ވިދާޅުވެ އެވެ.
އިސްރާއީލުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ދޭންފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، 10500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ޔަހޫދީ ޖައްބާރު އިޒްރޭލުގެ 1300 މީހަކުވެސް މިހާތަނަށް މަރުވެފައިވާ މި ވަރުގަދަ ހަމަލާތަކުގައި ހޮސްޕިޓަލްތަކާއި ސްކޫލުތައް ހިމެނޭހެން މުހިއްމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އދ. ގެ އިމާރާތްތަކާއި އާއްމުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތައް ވެސް ވަނީ ސުންނާފަތިވެފައި އެވެ. އަދި ޔަހޫދީ ޖައްބާރު އިސްރާއީލުން ވަނީ ގާޒާ ވަށައިގެން ކޮންޓްރޯލްކޮށް، ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ މަގުތައް ވެސް ބަންދުކޮށްފައެވެ.