ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ދިވެހި ޓީމުންނެވެ. ނަމަވެސް ބަންގްލަދޭޝުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މިއާއެކު މި މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅޭ މެޗުން ލަނޑެއް ނުޖެހި އެއްވަރު ވެއްޖެނަމަ ރާއްޖެ ކަޓާނެއެވެ.
އަނެއްކޮޅުން މިއީ ފަހުގެ ތާރީހެއްގައި ބަންގްލަދޭޝް އާއި ރާއްޖެ ގަލޮޅު ދަނޑުގައި ބައްދަލުކުރި މެޗަކުން އެއްވަރުވި ފުރަތަމަ ފަހަރެވެ. ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ވާދަކޮށް އެންމެ ފަހުން ރާއްޖެ އެއްވަރުވެފައިވަނީ 2000 ވަނަ އަހަރުއެވެ. އެއަހަރުގެ ގޯލްޑަން ޖޫބީލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ގަލޮޅު ދަނޑުގައި ބައްދަލުކުރި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ.
ކޯޗު ސުޒޭންގެ ވާހަކަދެއްކުމުގެ ރާގާއި ރަނގަޅު ވަގުތު
މެޗަށްފަހު ކޯޗު ސުޒޭން ދެއްކި ވާހަކައިގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ މެޗުގެ ކުރިން، ގައުމީ ޓީމު ޕްރޮމޯޓް ކުރުމަށް ނޫސްވެރިން މަސައްކަތް ނުކުރުމެވެ. ކުޅުންތެރިންގެ މޯޓިވޭޝަން ގެއްލޭ ގޮތަށް "ވިހައެއް" ފެތުރި ކަމުގެ ޝަކުވާއެވެ.
މީގެ އިތުރުން، ސުޒޭން ބުނީ އޭނާއަކީ ބުނަންވާ އެއްޗެއް، ބުނަން އޮތް ގޮތަކަށް، ބުނަން އޮތް ވަގުތުގައި ބުނާ މީހެއް ކަމަށެވެ. އަދި މިގޮތަށް ވާހަކަ ދެއްކުމުން އޭނާ "ނޮޅާލުމެއް" ވެސް އައިފާނެކަމަށް ސުޒޭން ބުންޏެވެ.
ކޯޗު އެފާހަގަކުރީ ވަރަށް ރަނގަޅު ވާހަކައެކެވެ. މީގެ ކުރިން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި ދިވެހި ޓީމު ކުރިމަތިލިއިރު، އޭރުގެ ޓީމު އަދި ޓެކްނިކަލް މީހުންނާއި ދެކޮޅަށްވެސް ސުޒޭން ވަނީ ބަސް ބުނެފައެވެ. ހަމަ އެގޮތަށް ޗެލެންޖު ކަޕްގައިވެސް ގައުމީ ޓީމާއި ދެކޮޅަށް އަޑު އުފުލިއެވެ.
އޭރު އެގޮތަށް ނުކުތީ ސުޒޭން ހުރި މަގާމުގެ ގޮތުން ކަމަށް ވެދާނެއެވެ. ކޯޗު އެފާހަގަ ކުރިހެން އެއީ ދެކޮޅަށް ބަސް ބުނާ ވަގުތު ކަމަށްވެސް ވެދާނެއެވެ. އަދި މިހާރު ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ލިބުމުން، މިއީ ރާގު ބަދަލުކޮށްލަންޖެހޭ ވަގުތުކަންވެސް ކޯޗު ސާބިތުކޮށްދީފިއެވެ. މިވަގުތު އެފްއޭއެމްގެ ދޯދިޔާ ވާހަކަ ދައްކައިފި ނަމަ ވާނެ ގޮތް އެނގޭ ނޫންތޯއެވެ. އެހެންކަމުން ކޯޗު ސުޒޭން "ނޮޅާލާކަށް" ނެތީމެވެ.
ގައުމީ ޓީމަށްޓަކާ އެފްއޭއެމްއިން ކުރީ ކޮން ކަމެއް؟
ސުވާލަކީ ދިވެހި ޓީމާއި މެޗު ޕްރޮމޯޓް ކުރުމަކީ ހަމައެކަނި ދިވެހި ނޫސްވެރިންގެ ޒިންމާއެއްތޯއެވެ؟ މެޗަށް ޓިކެޓު ވިއްކަން ފެށީ މެޗުގެ އެއް ދުވަސް ކުރިންނެވެ. އޭގެ ކުރިން ޓިކެޓް ކައުންޓަރުގައި އޮތީ "މަރުތަޅު" އަޅުވާފައެވެ. މީގެ އިތުރުން، މުބާރާތަށް ތައްޔާރުވުމަށް މިފަހަރު ބޭއްވި ޓްރޭނިން ކޭމްޕެއް ނެތެވެ. ކުޅުނު މެޗެއްވެސް ފެންނާކަށް ނެތެވެ.
އާންމުކޮށް ގައުމީ ޓީމު މެޗުތަކަށް ދަނީ ހޮޓެލް ޖެން ފަދަ ތަނެއްގައި ކޭމްޕް ކުރުމަށްފަހު ބަހުގައެވެ. ނަމަވެސް މިފަހަރު އެކަމެއްވެސް ނެތެވެ. އެމީހަކުވީ ހާލެއްގައި މެޗު ގަޑިއަށް ދަނޑަށް ދިޔައީއެވެ.
ނޫސްވެރިންނަށް ބޭނުންވާ އެއްބާރުލުން ނުލިބޭ
ހަގީގަތަކީ މެޗު ޕްރޮމޯޓްކޮށް، ދިވެހީންނަށް ހިތްވަރު ދިނުމަށް ނޫސްވެރިން ދިޔައީ މެޗުގެ ކުރިންވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓީމު ލިސްޓުވެސް ނޫސްވެރިންނަށް ލިބޭވަރުވީ މެޗު އޮތް ދުވަހުގެ ކުރިން ރޭގައެވެ.
މީގެ އިތުރުން، ދިވެހި ކުޅުންތެރިންގެ ވާހަކަ އާންމުންނާއި ހަމައަށް ގެނައުމަށްޓަކާ ދަނޑަށް ވަންނަން މަސައްކަތްކުރި ނޫސްވެރިންނަށްވެސް އެފްއޭއެމްއިން ކަންތައްކުރީ ހިތު ހުރި ގޮތަކަށެވެ. މީޑިއާތަކާއެކު އެފްއޭއެމްއިން ހަދާފައިވާ ގްރޫޕްގައި، ދަނޑަށް ވަންނަން ބޭނުންވާ ނޫސްވެރިންގެ ބޮޑު ލިސްޓެއް ހަދާ ފާސްތައް ތައްޔާރުކުރިއެވެ. ނަމަވެސް ނޫސްވެރިންގެ އަތަށް ފާސްއެރީ މެޗު ފެށެން ގަޑިއިރަކަށްވެފައި ވަނިކޮށެވެ.
ހަމައެހެންމެ ފާސް ހެއްދި ބައެއް ނޫސްވެރިންނަށް ފާސް ނުވެސް ލިބުނެވެ. މަޑުކޮށްލަން ޖެހުނީ ބޭރުގައެވެ. އެފްއޭއެމްގެ ސްޓާފް ބުނަމުން ދިޔައީ، ކަންތައް ކުރާނީ "ހިތުހުރި ގޮތަކަށް" ކަމަށެވެ. އެނޫސްވެރިންނަށް އެފްއޭއެމްގެ މުއައްޒަފު ދިނީ ފާހުގެ ބަދަލުގައި ވަރުގަދަ އިންޒާރުތަކެވެ.
ނަމަވެސް މެޗުގެ ކުރިން މިއިން އެއްވެސް ވާހަކައެއް ނޫސްވެރިން ނުދައްކައެވެ. އޭގެ ސަބަބުން ދިވެހި ޓީމަށް ގެއްލުމެއް ވެދާނެތީއެވެ. ދިވެހީންނަށް ދެރަ ގޮތެއް ވާން ނޭދޭތީއެވެ. ނޫސްވެރިއަކަށްވުމުގެ ކުރީން ދިވެހި ދަރިއަކަށް ވީތީއެވެ. ގައުމީ ޓީމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.