ads
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން--
10އަހަރު ވުމުން ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭގޮތަށް ގަވާއިދު ބަދަލުކުރަން އިސްލާހެއް
ރާއްޖޭގައި ހިންގާ ކޮލެޖުތަކުގެ ތެރެއިން 10 އަހަރުވެފައިވާ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ، މިދިޔަ އަންގާރަ ދުވަހު، ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ. މި ބިލުގެ ފުރަތަމަ ކިއުން މާދަމާގެ މަޖިލީހުގެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، މަތީ ތައުލީމް ދޭ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބުމަށް ޝަރުތު ހަމަވާ، މުއްދަތު ކުރުކޮށްފަ އެވެ. ޔުނިވާސިޓީގެ ދަރަޖަ ދިނުމަށް އިސްލާހުގައި ހިމަނާފައިވާ ދެ ޝަރުތަކީ:

  1. އެ މަރުކަޒަކީ މަތީ ތައުލީމް ދެމުންދާތާ މެދުކެނޑުމެއް ނެތި 10 އަހަރު ވެފައިވާ ތަނެއް ކަމަށް ވުން 
  2. ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގަމުން އަންނަތާ ފަސް އަހަރު ވެފައިވުން

މި ދެ ޝަރުތު މިހާރު ގާނޫނުގައި އޮންނަގޮތުން، ޔުނިވާސިޓީގެ ދަރަޖަ ކޮލެޖަކަށް ލިބެނީ މެދުނުކެނޑި މަތީ ތައުލީމު ދެމުންދާތާ 20 އަހަރު ވެފައިވާނަމަ އެވެ. އަދި ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަނަކަށް ވާންޖެހެ އެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރާއްޖޭގައި މިހާރު ތައުލީމު ފޯރުކޮށްދެމުންދަނީ، ސަރުކާރުގެ ދެ ޔުނިވަސިޓީ ކަމަށްވާ، އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)، އަދި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް