އެމްޓީސީސީން ބުނީ، މިއަދުން ފެށިގެން މާލެ-ވިލިމާލެ، މާލެ-ތިލަފުށ،ި މާލެ-ގުޅީފަޅުގެ އިތުރުން މާލެ-ހުޅުމާލެ ފެރީ ހިދުމަތުގެ ޓިކެޓިން ނިޒާމް އާރުޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން ފޯރުކޮށްދެމުންދާ ގްރޭޓާ މާލެ އާންމު ފެރީ ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާ އެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، މާލެ ސަރަހައްދުގެ ފެރީ ހިދުމަތަށް ތިން ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެއީ:
- އާރުޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިއުއާރު ޓިކެޓް ގަނެގެން
- ގްރޭޓާ މާލޭ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިއުއާރު ޓިކެޓް ގަނެގެން
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑު (މާސްޓަ ކާޑު ނުވަތަ ވިސާ ކާޑު) ޓާމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ކޮށްގެން
ކިއުއާރު ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އެ ކުންފުނީގެ އާރުޓީއެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާއިއު ކުރެވިފައި ހުރިއިރު، އާރުޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
ކިއުއާރު ޓިކެޓް ސްކޭން ކުރުމަށްޓަކައި ފެރީއަށް އެރުމަށްފަހު، ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިނާ ދިމާކުރުމަށްފަހު ސްކޭންކުރަން ޖެހޭނެ އެވެ.
އާރުޓީއެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ގަންނައިރު އެއްފަހަރާ 10 ޓިކެޓާ ހަމައަށް ގަނެވޭނެ އެވެ. އެންމެ ދަތުރަކަށް ނަގާ ކިއުއާރު ޓިކެޓް (ސިންގަލް ޖާނީ) ބޭނުން ކުރެވޭނީ ހަތް ދުވަހުގެ މުއްދަތަށެވެ. މަލްޓިޕަލް ޖާނީ ޓިކެޓް (ވިލިމާލެ އަދި ތިލަފުއްޓަށް ހާއްސަ) ގަންނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ އެވެ. މާލޭ ސަރަހައްދުގެ ކިއުއާރު ޓިކެޓް ބޭނުން ކުރެވޭނީ އެ ގަންނަ ރޫޓަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި ޓިކެޓިންގެ ނިޒާމް ބަދަލުވީ ކަމުގައި ވީނަމަވެސް އާރުޓީއެލް ފެރީގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ލިބޭނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ ކުންފުނިން ބުނީ ޔުނިފޯމުގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން ސްޓޫޑެންޓް ކާޑު ދެއްކުމުންވެސް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކޮށްގެން އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރެވޭނެ އެވެ. ނަމަވެސް، ދަތުރު ކާޑު ޓޮޕްއަޕް ކުރުމުގެ ހިދުމަތް ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ މަހުގެ 31 ވަނަ ދުވަހުގެ ފަހުން ދަތުރު ކާޑުގައި ބާކީ ފައިސާ ހުރިނަމަ، އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރީފަންޑަށް އެދި ހުށަހެޅުމުން ރީފަންޑް ލިބޭނެ އެވެ.
އޭގެ އިތުރުން ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައި ހުރި ސީޒަން ޕާސްތައް މުއްދަތު ހަމަވާ ތާރީހާ ހަމައަށް ބޭނުން ކުރެވޭނެ އެވެ. މުއްދަތު ހަމަވުމުން ސީޒަން ޕާސްތައް ދެން އިތުރަށް އާކޮށް ނުދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީން އިތުރަށް ބުނިގޮތުގައި އާރުޓީއެލް މާލޭ ސަރަހައްދުގެ ފެރީ ހިދުމަތުގެ ރޫޓް މެޕް އާރުޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވެން ހުންނާނެ އެވެ.