ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު އަހުމަދު އާތިފްއެވެ.
މުބާރާތް ރަސްމީކޮށް ފަށާފައިވަނީ ދަންމަރު ރޯކުރުމުގެ ޚާއްސަ އިވެންޓަކުންނެވެ. ދަންމަރު ރޯކުރީ މޭޔަރު އާތިފްއެވެ. މުބާރާތް ފެށުމުގެ ހުއްދައާއި، ދަންމަރު ރޯކުރުމުގެ ހުއްދައަށް އެދުނީ ކުޅުފުއްޓަށް ނިސްބަތްވާ ޤައުމީ އެތްލެޓްކްސް ޓީމުގެ ދެ އެތުލީޓުން ކަމަށްވާ އަހުނާ ނިޒާރާއި، ރިޒާއެވެ.
ކުޅުދުއްފުށި ސިޓީގައި ބާއްވާ މިމުބާރާތުގައި 35 ސްކޫލަކުން 1124 އެތުލީޓުން ވާދަކުރެއެވެ. މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ނިންމުމަށްވެސް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.