ads
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަލީލް އދ ގެ އާންމު މަޖިލީހުގަ ތަގުރީރު ކުރައްވަނީ
ގައްޒާ ހުސްކުރަން އިޒްރޭލުން އެންގުން އިންސާނީ ހަގުތަކާ ހިލާފު: ރާއްޖެ
ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ 6 ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހައި ގާނޫނުތަކާ ޚިލާފު ކަމެއްކަމަށް ދިވެހިރާއްޖެއިން އދ ގައި ބުނެފިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައި ދިވެހިރާއްޖެއިން ފަލަސްޠީނާއެކު ތިބިކަން ތަކުރާރުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

ދިވެހިރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ ޢާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިޤްތިސާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ގުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަސީލަތްތަކަށް ފަލަސްތީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ގުދުރަތީ ވަސީލަތްތަކަށް އެބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

މިބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ޙާލު ފާހަގަކޮށް، ޚާއްސަގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާންތަކާގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ގައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ 6 ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް އެއަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

"އާއްމުންނާ ހަނގުރާމަވެރިންރާ ތަފާތުކުރުމެއްނެތި ދެވޭ ޙަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޙަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފަ،"

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ޤާއިމުކުރުން ހިމެނޭހެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. 

ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްޠީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް