ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނިވާލީ ފާސްކުރަން އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބިގެންނެވެ.
ތިރީސް ފަސް މެންބަރަކު މި ބިލާ ދެކޮޅަށް މިއަދު ވޯޓު ދެއްވިއިރު، ބިލާ އެއްކޮށަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.
ބިލުގައި ފަނޑިޔާރަކު ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅައި އެގޮތަށް ނިންމައިފި ނަމަ، އެ ފަނޑިޔާރަކު ކުރި އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއް ކަމަށް ބަލައި އެ ފަނޑިޔާރަކަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށް ބުނާ މާއްދާގެ ފަހަތަަށް ކޮމެޓީން މާއްދާއެއް އިތުރުކޮށްފައިވެއެވެ.
"ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ނަމަ، އެ ވަކީލެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމާ މެދު ގޮތެއް ނިންމުމުގަ ބާ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" އާ އިސްލާހުގަ ބުނެފަވެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން އެންމެ ފުރަތަމަ ހުށަހެޅުއްވިއުރު އޮތީ ފަނޑިޔާރަކު ކުރާ އެކަށީގެންނުވާ އަމަލެއްގެ ސަބަބުން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައިފިނަމަ ނުވަތަ މައްސަލަ މަޖިލީހުގައި އޮއްވާ އިސްތިއުފާ ދެއްވައިފި ނަމަ އެ ބޭފުޅެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާ ގޮތަށެވެ. އަލުން އެ ބޭފުޅަކަށް ވަކީލުކަން ކުރެވޭނީ ފަސް އަހަރު ފަހުން އަލުން ހުއްދަ ހޯދައިގެން ކަމަށެވެ.
ނަމަވެސް ފަނޑިޔާރުންގެ ޖަމިއްޔާ އާއި ބާ ކައުންސިލްގެ ލަފަޔާއެކު މަޖިލީހުގެޖުޑިޝަރީ ކޮމިޓީން ފުރަތަމަ ނިންމީ ވަކިކުރާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާ މުއްދަތު ހަ މަސް ދުވަހަށް ކުރު ކުރުމަށެވެ. އެ އިސްލާހުވެސް ތަޅުމުން އަނބުރާ ކޮމެޓީޢަށް ފޮނުވާލިއެވެ.
އެފަހަރު ކޮމިޓީން ނިންމީ ހުއްދަ ބާތިލް ކުރާ މުއްދަތު ހަ މަސް ދުވަހަށް ކަނޑައަޅައި، ބޮޑު ކުށެއް ނުވަތަ ޖިންސީ ފުރައްސާރަ އާއި ގޯނާގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާނަމަ، ހުއްދަ އަލުން ދިނުމާ މެދު ގޮތެއް ނިންމުމުގައި ބާ ކައުންސިލުގެ ދައުރެއް އޮންނަ ގޮތަށް ބިލުގަ ހިމެނުމަށެވެ.
ވަކީލުކަމުގެ ހުއްދަ ހިފެހެއްޓި ނަމަވެސް ރަސްމީ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ރަސްމީ މަސައްކަތުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ހުއްދަ އޮންނަ ގޮތަށް ވެސް މެޓީން އަލަށް ހުށަހެޅި އިސްލާހުގަ ބުނެފައިވެއެވެ.