ads
ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކަކީ ހިޔާލީ ވާހަކައެއް ނޫން؛ އެއީ މިހާރު ދެކޮޅު ހެދެން ނެތް ހަގީގަތެއް. އަދި އެކަމަށް ސައިންޓިފިކް އެތައް ހެކިތައް އެބަހުރި - ސީއެންއެމް ގްރެފިކްސް: ރަޒީން
ކަނޑުގެ ލޮނުގަނޑު އުފުލުން: ވިސްނުން 50 އަހަރު ފަހަތަށްތަ؟
ތެދުތެދަށް ބުނާ ނަމަ، އެ (ދިރާސާތަކަކީ) މާ ސީދާ އެއްޗެއްކަމަކަށް އަޅުގަނޑު ނުދެކެން. މީގެ 50 އަހަރުން ކުރިންވެސް ދައްކާ ވާހަކައަކީ އެއީ. އަދި ކަނޑުގެ ލޮނުގަނޑު ތިދަންނަވާ މިންވަރަށް އުފުލޭތަނެއް އެހާ ވަރަކަށް ނުފެނޭ..." ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ފަހުން ޑރ. މުހައްމަދު މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ވިދާޅުވިއެވެ.
Advertisement

ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށް ދުނިޔޭގެ މޫސުމީ ސައިންސްގެ މާހިރުންގެ ދެ ބަސްވުމެއް ނެތް އިރު، އަދި މިހާރު ވެސް ދުނިޔެ 1.2 ޑިގްރީ ސެލްސިއަސްއިން ހޫނުވެފައިވާ އިރު، އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަގީރު އަދި ތަރައްގީވަމުންދާ ގައުމުތަކަށް ކަމަށް އިއުތިރާފުވެ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މައިދާނުގައި ބަސް ބުނުމުގައި ދިވެހި ރާއްޖޭގެ އަޑުގަދަ އެވެ.

އަލްޖަޒީރާގެ "ޓޯކް ޓު އަލްޖަޒީރާ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަ ތަކުގެ ތަރުޖަމާ އެއް ދެއްވުމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނަށް ޖެހި، ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޑރ. މުއިއްޒުގެ "ކްލައިމެޓް" ވިސްނުމާއިމެދު މިހާރު އޮތީ ހޫނު ބަހުސެއް ފެށިފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދެމިއޮތުމަށް ނުރައްކާ ކުރާ ކަމަކަށް ވާތީ. (މޫސުމަށް ބަދަލު އަންނަކަން ކަށަވަރުކޮށްދޭ) ސައިންޓިފިކް ހެކިތަކަކީ ދެކޮޅު ހެދެން ނެތް ހެކިތަކަކަށް ވިޔަސް އިންތިހާބީ ރައީސްގެ "މޫސުމީ" ވާހަކަތައް މިވީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކޭ ކިޔަމުންދިޔަ މޫސުމީ ކާރިސާ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ނުރައްކާތައް ހިއްސާކުރުމަށް ލިބޭ ވޯލްޑް ލީޑާޒް ސަމިޓުގައި ދިވެހިންގެ މޫސުމީ ހާލަތު ބުނެދިނުމަށް ލިބޭ ފުރުސަތު ބަންދު ވެދާނެ އިޝާރާތެކެވެ. ނަތީޖާ އަކީ، ފާއިތުވި ބައި ޤަރުނު ދިވެހި ސަރުކާރުތަކުން ދިވެހި ލީޑަރުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަޔަށް ދުނިޔޭގެ ފެންވަރުގައި ކުރެއްވި މަސައްކަތައް ނާ އުންމީދުގެ ނަޒަރުން ބަލަން ޖެހޭނެ ކަމަކަށެވެ.

ތިމާވެށީގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވައިގެން ހުންވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްްޖޭން ކުރި ކަމަކުން ދިމާވި މައްސަލަޔަކަށް ނުވިޔަސް މި މައްސަލަޔަށް ހައްލެއް ހޯދަން ރާއްޖޭން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. މިހެން ދިވެހިން ތިއްބާ، މޫސުމީ ބަދަލުތަކާއި ގުޅިގެން ސައިންސްވެރިން ދައްކަނީ ފުލޯކު ވާހަކަ ކަމަށް ޑރ. މުއިއްޒު ގަބޫލު ކުރެއްވި އިރު، ދިވެހި އިގްތިސާދުގެ ބޮޑުބަޔަކީ ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވާ ދާއިރާތައް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ދިރިއުޅުމަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ދެބަސް ވި ދިވެއްސަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑރ،، މުއިއްޒު އެއީ އޭ،ބީ،ސީ،ޑީ،އީ،އެފް އެއްކޮށް ކިޔަވާ އަދި ކީއް... އިނގިރޭސިވިލާތުން ޕީ،އެޗް،ޑީ ވެސް ހައްދަވާފަ ހުންނެވި އިލްމީ ބޭފުޅެއް، އެފަދަ ބޭފުޅަކު މީހެއްގެ މަޖުބޫރުން ނުވަތަ ސައިންސް ގަބޫލު ނުކުރުން އެއީ އަރަތެއް.." އޭނާ ވިދާޅުވި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ވާހަކަ އެއީ، ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއްގެ ގޮތުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން މިހާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ އާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ތިވާވެއްޓަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކުގެ ފާނޑުކިޔުން ވެސް މުއިއްޒަށް އަމާޒުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒުގެ ތަރުޖަމާން ވިދާޅުވީ ފާޑުކިޔުންތައް އަމާޒުކުރަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މުރާދު އޮޅުވާލައިގެން ކަމަށެވެ. އެ އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވެސް އިންތިހާބީ ރައީސް ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އެކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަނަށް ތައްޔާރުވާން ޖެހޭ ވާހަކަ ދެއްކެވި. އަދި ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ވިކްޓިމައިޒް ވެފައިވާ ގައުމެއްކަން ވެސް ފާހަގަ ކުރެއްވި. ކާބަން ނިއުޓްރަލް ވާހަކަ އާއި އެ މަގަށް ގެންދަން ކުރައްވާނެ ސިޔާސަތުގެ ވާހަކަ ވެސް ދެއްކެވި، އަދި އިންތިހާބީ ރައީސް މޫސުމީ ބަދަލުތައް ހަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެ ވަނީ. އޭގެ ސަބަބުން ހުރި ގޮންޖެހުންތައް ވެސް ފާހަގަ ކުރައްވާފައި އެ ވަނީ." ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަށް ހައްލެއް ނުލިބި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދުނިޔޭގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރާއްޖޭން ދުނިޔެއަށް އަޑު އިއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ނުސީދާކޮށް ރައްދެއް ދެއްވައިފިއެވެ. މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ އެންމެން ވެސް ސައިންޓިފިކް ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި، ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ހަގީގަތެއްކަމަށް މައުމޫން ލިޔުއްވާފައި ވެއެވެ.

"ސެޓެލައިޓް މަޢުލޫމާތު ދައްކާ ގޮތުގައި މި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރު އުފުލިއްޖެ،" ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ލިއުމުގައި މައުމޫނު ވިދާޅުވި އެވެ.


ރައީސް މައުމޫނުގެ ވެރިކަމުގައި 1989 ވަނަ އަހަރު ރާއްޖެއިން އިސްނަގައިގެން ކުރި މަސައްކަތުން 42 ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާ "އެލައެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" އުފައްދާ މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔެ އަށް ގޮވާލެއްވި އެވެ. މައުމޫނަށް ފަހު ވެސް ރާއްޖޭގެ ހުރިހާ ރައީސުން ވެސް ބައިނަލްއަގްވާމީ މުޖުތަމައުގައި އެންމެ އަޑުހަރުކޮށް ދައްކާ ވާހަކައަކީ މޫސުމީ ކާރިސާ އިން ރާއްޖެއަށް ލިބޭ ގެއްލުމުގެ ވާހަކައާއި އެކަމުން އަރައިގަތުމަށް ކުދި ގައުމުތަކަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ އެވެ.

މުއިއްޒުގެ ވާހަކަ ތަކަށް ނުރުހުންފާޅު ކުރައްވާ މި ރިޕޯޓަށް މައުލޫމާތު ދެއްވި ކްލައިމެޓް އެކްޓިވިސްޓެއް ބުނީ މުއިއްޒުގެ ކްލައިމެޓް ފޯކާސްޓް މިހާރު އެހުރީ މިދިޔަ ފަންސާސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ނުވަތަ އެމަގާމަށް ޝައުގުވެރިވާ މީހެއްގެ މޫސުމީ ބަސްމަގު ހުރި ގޮތަށް ނޫން ކަމަށެވެ. މޫސުމީ މައްސަލަތަކުގައި ރާއްޖޭން މާދަމާ ވެސް މަސައްކަތްކުރާނީ ޖަޒީރާ އެހެން ގައުމުތަކާއި ކުދި ޖަޒީރާގައުމުތަކުގެ އެލަޔަންސްއާ އެކުގައި ކަމަށް އޭނާ ބުންޏެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑު. ހިކިފަސްތަނަކީ އެންމެ އެއް ޕަސެންޓް. އެހެންވެ އަޅުގަނޑުމެން ވެފައި ވަނީ ކަނޑުގެ ބޮޑު ދައުލަތަކަށް، އެހެންވީމާ މި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިއަދު ޑރ. މުއިއްޒު ވާން ޖެހޭނީ މާނަހުރި ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކޮށް ދެއްވާނެ ވައުދާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ ރައީސް އަށް" އޭނާ ބުންޏެވެ.

ޑރ. މުއިއްޒުގެ ވެރިކަމުގައި ވެސް ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތައް ކުރިއަށްދާނެކަމަށް ލަފާކުރެވޭއިރު، އެ މަސައްކަތްތަކުން ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ބަލަންޖެހޭ ކަމަށާއި އަދި އެކަންކަމުން ލިބޭނެ ގެއްލުން ވީހާ ވެސް ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކާރިސާގެ ކޮންމެ ކަމަކުން ލިބިދާނެ ގެއްލުންތައް ދުރާލައި ވިސްނައި، ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް މަސައްކަތް ރާވައި ހިންގުމަކީ ކޮންމެ މުއައްސަސާއަކުން ވެސް ވިސްނައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައް،" މުއިއްޒުގެ ވެރިކަމުގައި ބިންހިއްކުމާއި އުމްރާނީ ބޮޑެތި މަޝްރޫއުތައް ފަށާނެ ކަމުގެ ޔާގީންކަން އޮތްކަން ފާހަގަ ކުރަމުން އޭނާ އިތުރަށް ބުންޏެވެ.

އިންސާނުންގެ ސަބަބުން ދުނިޔޭގެ މޫސުމީ ނިޒާމަށް އަންނަ ނުރައްކާތެރި ބަދަލުތަކާ އެކު، ރާއްޖެ އަޑިއަށް ދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ސައިންސްވެރިން އެ ވިދާޅުވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ބޮޑުވާނެ ކަމަށް ސައިންސްގެ އަންދާޒާ އަށެވެ. ރާއްޖެ އަކީ ދުނިޔޭގެ އެންމެ ތިރި އެއް ގައުމެވެ.

އެހެން ކަމުން މޫސުމީ މައްސަލަތަކަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެކޭ އަޅުގަނޑުމެން މިއަދު ބުނެވިދާނެ އެވެ. އަދި މިއީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދެމިއޮތުމަށް ނުރައްކާ ކުރާ ކަމަކަށް ވާތީ މޫސުމަށް ބަދަލު އަންނަކަން ކަށަވަރުކޮށްދޭ ސައިންޓިފިކް ހެކިތަކަކީ ދެކޮޅު ހެދެން ނެތް ހެކިތަކެއް ކަމަށް ޑރ. މުއިއްޒުގެ ގަބޫލު ނުކުރައްވާ "ކުރިން ބުނި އެތި ކެންސަލް" ނުކުރައްވާ ނަމަ "ޕްރޯ މޯލްޑިވްސް" ސިޔާސަތު މަރުގެ ހުކުމަކަށްވެ ބައިނަލްއަގްވާމީ މައިދާނުގައި ޑރ. މުއިއްޒުގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އުޅުއްވަން ޖެހޭނީ ދުނިޔޭގެ މޫސުމީ ބަދަލާ ގުޅޭ ބޮޑު ސަމިޓް (ކޮޕް) އަށް ފިއްލަވައިގެން ނެވެ. މިހާލަތުގައި ކްލައިމެޓް އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ގްރެޓާ ތަންބާގު ފަދަ ޒުވާން ބޭފުޅުން ޑރ. މުއިއްޒު އަށް ނިސްބަތް ކޮށް މުހާތަބު ކުރައްވާނީ "ހައު ޑެއާ ޔޫ" އެވެ.

މި ހާލަތުގައި "ލޮސް އެންޑް ޑެމޭޖް" ނުވަތަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ މާލީ އެހީ ފަންޑުން ރާއްޖެ ބާކީވެ، "ރާއްޖޭގެ ސިޔާސީ ކަނޑުގެ ލޮނުގަނޑު އުފުލި ޑރ. މުއިއްޒުގެ ސަރުކާރުގެ "ކްލައިމެޓް ޗޭންޖް ވިޝަން" ފެއިލްވެ ހިނގައިދާނެ ކަމުގެ ބިރު" ރާއްޖެ އަށް އެބަ އޮތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް