ރާސްތާ ދޯނިން ފަލަސްތީނަށް ހަދިޔާ ކޮށްފައިވަނީ އިއްޔެ އެ ދޯނިން ބޭނި ހަތް ޓަނުގެ މަހަށްވާ 127،433 ރުފިޔާއެވެ.
ރާސްތާ ދޯނީގެ ފަރާތުން ވަނީ އެ އެހީ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފައެވެ. ރަށު ކައުންސިލުގެ ފަރާތުން އެ ފައިސާ އާ ހަވާލުވެފައިވަނީ ކައުންސިލް ރައީސް އިބްރާހިމް ވަހީދެވެ. ރާސްތާ ދޯނީގެ ފަރާތުން މި ފައިސާ ހަވާލުކޮށްފައިވަނީ އެ ދޯނީގެ ކެޔޮޅު ރަޒީން ހުސެން އަދި ހުރިހާ ފަޅުވެރިންނެވެ.
ފަލަސްތީނަށް ގަދަކަމުން ވެރިވެގެންފައިވާ އިޒްރޭލުގެ ސިފައިންނާ ދެކޮޅަށް ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމައަށް 14 ދުވަސްވެފައިވާއިރު، މިހާތަނަށް އެގައުމުން 3،785 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 12،493 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ހަމަލާތަކާ ގުޅިގެން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭންވެސް އަންނަނީ އެގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.