ads
އަރަބި ލީގް ސަމިޓްގެ ތެރެއިން އަރަބި ގައުމުތަކުގެ ވެރިން ފޮޓޯ އަކަށް ހުއްޓިގެން
އަރަބި ވެރިންގެ "ވަރިހަމަ" ފަލްސަފާގެ މައްޗަށް ފަލަސްތީނުގައި ޔަހޫދީން ގަދަވެފައި!
އަޅުވެތިކަމާއި އަނިޔާގެ ކުރިމަތީ ފަލަސްތީނު ރައްޔިތުން ފިނޑި ނުވާނެ ކަމަށާއި އަބަދުވެސް ނުކުމެ ކުރިމަތިލާނެ ކަމުގެ އަޒުމު އާކޮށް ތަކުބީރުގެ އަޑުން މުޅި ގާޒާ އޮތީ ގުގުމާލައިފަ އެވެ.

އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަހުންނާއި އުހުތުން ވެސް އެބައިމީހުންގެ ހިތާ ރޫހު ވަނީ ފަލަސްތީނުގެ މުސްލިމްނާއި އެކު އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރުމަށާއި އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް ދުނިޔޭގެ މުސްލިމް ދައުލަތްތަކުގެ ރައްޔިތުންގެ އެއްވެސް އިއުތިރާޒެއް ނެތެވެ. ނަމަވެސް މިއަދުގެ ރިއާލިޓީ އަކީ ދުނިޔޭގެ މުސްލިމް ދައުލަތްތަކުގެ ރައްޔިތުންގެ ވިސްނުމާއި، މުސްލިމް ދައުލަތްތަކުގެ "ވެރިން" ގެ ވިސްނުން ތަފާތުވުމެވެ. ރައްޔިތުންގެ ޝުއޫރާއި ދުރު ވިސްނުމުގެ ވެރިން މިއަދު ދުނިޔޭގައި ގިނަ އެވެ. ހާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކުގައި މިކަން ވަކިން ބޮޑެވެ.

ތެދެކެވެ. ދީނުގައި ބާރު އަޅަނީވެރިންނަށް ކިޔަމަން ވުމަށެވެ. ނަމަވެސް އެކަން މުތުލަޤަށް ނޯވެ ދޯ އެވެ. އެއީ، ﷲ އަށް އުރެދޭފަދަ ކަމެއްގައި ވެރިންނަށް ކިޔަމަންވުން ނޯންނާތީ އެވެ. ރައްޔިތުން ވެރިންނަށް ކިޔަމަންވާން ޖެހެނީ ވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރާނަމަ އެވެ.
 
އަދި އެއް ވާހަކަ އެވެ.

އިސްލާމީ ޝަރީއަތުގައި ވެރިންގެ މަސްއޫލިއްޔަތަކީ ވަރަށް ބުރަ މަސްއޫލިއްޔަތެކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ވެރިކަން ކުރަނީ ވެރިކަން އޭގެ ޒާތުގައި ކުރުމަކަށް ނޫނެވެ. އެއީ މަސްއޫލިއްޔަތަކާއި ހަވާލުވެގެން އޭގެ ހައްގު ގޮތުގައި ރައްޔިތުންނަށް ހައްގު އަދާކުރަން އަންނަ މީހެކެވެ.

ވެރިންނަށް ކިޔަމަން ވުމާއި ވެރިން ޖަވާބުދާރީ ކުރުވާ ވާހަކަ ދެއްކީމާ ބައެއް މީހުންނަށް މި ހީވަނީ އެއީ ވެރިންނަށް ކިޔަމަން ނުވަނީ ކަމަށެވެ. އެއީ، ނުބައި "ހީ" އެކެވެ. ނުބައި ހީކުރުންތައް އިސްލާމްދީން ނަހީކުރެއެވެ.

ނޫސް "ވެރި" ޔަކަސް އިލްމު "ވެރި" އަކަށް ނުވާތީ އުއްމަތުގެ ވެރިންގެ ޒިންމާގެ ވާހަކަ ކުރުކޮށް މައުލޫގެ ތެރެއަށް ވަންނާނަމެވެ.

ކޮންމެއަކަސް ސުވާލަކީ މިއަދުގެ އިސްލާމީ އުންމަތުގެ ވެރިން މަސްއޫލިއްޔަތު އުފުލުމުގައި ދެމި ތިއްބެވި ހެއްޔެވެ؟ ރައްޔިތުންނަށް ހައްގުތައް އަދާކޮށްދެވޭ ހެއްޔެވެ؟ ރައްޔިތުންގެ އަޑު އިވޭ ހެއްޔެވެ؟ ރައްޔިތުންނާ މަޝްވަރާ ކުރުވޭ ހެއްޔެވެ؟ މަޒުހަބީ އޮވަރުގައި ޖެހި، ޝިއައީންނާއި ސުންނީގެ މެދުގައި ހަމަނުޖެހުން އުފައްދާ، ހުދު އަރަބިން ލައްވާ ކުރުދީން މަރާ، ސުންނީން ލައްވާ ޝިއައީން މެރުން ހުއްޓާލާ މުޅި އުއްމަތުގެ ހައްގުގައި އަހުންތަކެއް ކަމުގައި ތެދެވާން ނުވޭ ހެއްޔެވެ؟

މި ސުވާލުތައް އަމާޒު މި ކުރަނީ ޖަމްއުކޮށް މުޅި އިސްލާމީ އުންމަތުގެ ވެރިން/ލީޑަރުން/އިމާމުން ނަށެވެ.

ހުޅަނގުގެ ދިގު މުއްދަތުގެ ޕްލޭނަކީ މުސްލިމުންގެ އެއްބައިވަންތަ ކަމުގެ ޝިއާރު ފުޑުފުޑު ކޮށްލުމެވެ. ހުޅަނގުގެ ޔަހޫދީ ވެރިންގެ ޕްލޭން ވޯރކް ކުރާ ކަމުގެ އެއް ހެއްކަކީ ދުނިޔޭގެ ބާރުގެ ތިލަފަތުގެ ވަޒަން ހަމައިން ނެއްޓި، އެމެރިކާ އާއި ހުޅަގުގެ ޒައިނިސްޓް އިސްތިއުމާރީން އެދޭހައި ގޮތަކަށް އަރަބި ޤައުމުތަކުގެ "ލަފުގައި ހިފައި، ބިމަށް ޖަހައި، ތަޅައި މަރައި ހެދުން" އިތުރު ހަރުފަތަކަށް ދިޔުމުގެ ކުލަވަރު ފެންނަން ފެށުމެވެ.

އޭގެ އެއް މިސާލަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އަބަދާއި އަބަދު ދެމުން ގެންދާ އިންސާނިއްޔަތާއި މުޅިން ހިލާފު ރަހުމްކުޑަ އުދުވާނީ ހަމަލާތަކެވެ.

your imageފަލަސްތީން

ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ގަދަ ބާރުން ގާއިމުކުރި ޔަހޫދީ ދައުލަތުގެ މައްޗަށް ގަދަވެގަނެ ޔަހޫދީން ބަލިކަށި ކޮށްލުމުގައި ވަށައިގެން އޮތް އަރަބި ގައުމުތަކަށް "ސްމާޓް" ނުވެވިގެން އެ އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި އެވެ. ޔަހޫދީ މަހުޖަނުންނާއި ޔަހޫދީންގެ ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައި އަރަބި ދައުލަތްތައް ފިތިފައި ވުމެވެ. ބާރުތައް ބެހުމާއި ގުދުރަތީ މުއްސަނދި ކަމުގައި އަރަބިން ވަނީ ދުނިޔެއިން މޮޔަވެފަ އެވެ. އަރަބިވެރިންގެ މެދުގައި އޮތީ މުދަލާއި ފައިސާއާއި ރަނާރިހި އަދި ތެލާ ގޭހުގެ ހަނގުރާމައިގެ ހާލަތެވެ.

އަރަބި ކޮންމެ ޝާހީ އާއިލާ އަކުން ބަލަބަލައި ތިބީ، ކޮންމެ ވަގުތެއްގައި ވެސް އަނެއް ބަޔަކު، ވެރިކަމުގެ ތަހުތަށް އައުމުގެ ހަނގުރާމަ ފަށައިފާނެ ކަމަށެވެ. ވެރިކަމުގެ ލައްޒަތާއި ޖާހަތަށްޓަކައި އެމީހުން ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިފި އެވެ. އާހިރަތް ހަނދާން ނެތި މާއްދިއްޔަތަށް ގޮސް ހުސް ވެއްޖެ އެވެ. 

އަރަބިން ޔަހޫދީންގެ ޖީބުތަކަށް ވަނުމުގެ ނަތީޖާ އަކީ އަރަބި ބަހާރު މޫސުން ނިމި ހަރީފް ވުމެވެ. އަރަބިން އަރަބިންނާ މެދު ނަފްރަތު ކުރުމުގެ އޮއިވަރު ގަދަވެ މެދުއިރުމަތި ހިމެނޭހެން މުޅި ދުނިޔެއިން އަރަބިން ބަލިކަށި ވުމެވެ. ބާކީ ވުމެވެ.

އަނިޔާވެރި ސަރުކާރެއްގައި ނޯބެލް ސުހްލައިގެ އިނާމު ހޯދާފައި ހުރި އަނިޔާވެރި ވެރިޔަކު ހުރެގެން އެއްވެސް ކުށެއް ނެތް މުސްލިމް ބަޔަކު މަރަމުން، އެ މީހުންގެ ގައިގައި އަލިފާން ޖަހަމުން އަދި އެ މީހުންގެ ގެތަކުގައި ހުޅުޖަހަމުން ދާއިރު މުސްލިމު ލީޑަރުން ނަށް މިއަންމާގެ އަގްލަބިއްޔަތު ނެތް ރޮހިންޖާ މުސްލިމުންގެ ދިފާއުގައި އިސްލާމީ ގައުމުތަކުގެ އެންމެ އިސް ވެރިނަށް ވީ ކަމެއް ހަރާމެވެ. 

ގުދުސަކީ ޔަހޫދީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވެ ޑިސެންބަރު، 6 2017 ގައި އެކަން އިއުލާން ކުރި އިރު އެމެރިކާގެ ޣައިރު ގާނޫނީ ނިންމުމަށް "ނޯ" ޖަހަން ބޭއްވި އަރަބި އިސްލާމީ އުންމަތް ތަމްސީލު ކުރާ ޖަމިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓަށް އަރަބި ދުނިޔޭގެ ބާރުގަދަ ލީޑަރުންނަށް ބައިވެރިވާން ނުކެރި އެންމެ ބޮޑު ދެ ގައުމުގެ ގޮތުގައި ބެލެވޭ މިސްރާއި ސައޫދީ އަރަބިއްޔާ އިން ވެސް ފޮނުވީ ހާރިޖީ ވަޒީރުންނެވެ. ގުދުސްގެ ގާނޫނީ ހައިސިއްޔަތު ދިފާއުކޮށް ދަމަހައްޓައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުން ނުކުޅެދުނީ އެވެ.

އަރަބިންގެ ވަރިހަމަ ސިޔާސަތުގެ ބައެއް ވާހަކަތައް އަދި ވެސް ހުރީ އެވެ.

އަރަބި އިސްލާމީ މުޅި އުއްމަތުގެ "ބައްޕަ" ސައުދީ ރަސްކަމުގެ ގަނޑުވަރުން ޔަމަނުގައި އެކުރާ "ސައުދީ ޝާހީ ހަނގުރާމަ" އެއީ އަދި މުޅިން އެހެން ދަރަޖައެއްގައި ކުރާ ހަނގުރާމައެކެވެ. އެއިން ޔަހޫދީ ޒައިނިސްޓުންނަށް ލިބެނީ ހަތިޔާރު ވިއްކައިގެން މާލީ މުއްސަނދިކަމާއި މުސްލިމުން ބައިބާވެ ނެތިދާ ކަމުގެ ފެހި ސިގުނަލެވެ.

އިހު އަރަބި ސަގާފީ ހެދުމުގެ ބައެއްގެ ގޮތުގައި، ފިރިހެނުން ބޮލުގައި އަޅަން ގެންގުޅޭ ގޮޅިޖެހި ސްކާފް ނުވަތަ ފޮތިގަނޑަކީ އެއް ދުވަސްވަރެއްގައި އަރަބިންގެ އައިޑެންޓިޓީ އެވެ. އެގޮތުން ފަލަސްތީނުގެ މިނިވަންކަމަށް 1948 އިން ފެށިގެން ވަމުން އަންނަ ގުރުބާނީ އާއި އަޅުވެތިކަމާ ދެކޮޅަށް ކެނޑިނޭޅި ދައްކާ ހިތްވަރު އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ އެކައްޗަކީ ވެސް "ކަފިއްޔާ" އެވެ. ފަލަސްތީނަށް ރަސްމީކޮށް ދައުލަތެއްގެ ދަރަޖަ ބައިނަލްއަގުވާމީ ގޮތުން ދިނުމުގެ ކުރިން، ފަލަސްތީނު ރައްޔިތުން ތަމްސީލުކުރި ޕީއެލްއޯ ގެ ލީޑަރުގެ ގޮތުގައި ޔާސިރު އަރަފާތު ދެއްކެވި ހިތްވަރާއި ވެ ވަޑައިގެންނެވި ގުރުބާނީ ރަމްޒުކޮށްދޭން "ޔާސީރު އަރަފާތުގެ ސްކާފް" ވެސް މިއަދު އަރަބި ވެރިންނަށް ވުރެ މަގުބޫލު އެވެ.

your imageޔަހޫދީ އިޒްރޭލުން ސުންނާފަތި ކޮށްލައިފައިވާ ގާޒާގައި ކުޑަ ކުއްޖަކު ފަލަސްތީނު ދިދައެއް ހިފައިގެން އިށީދެ

މިއަދު ޔަހޫދީ ޒައިނިސްޓުން ފެންނަނީ އެމީހުން ހިތުހުރި ގޮތެއް މުސްލިމް ގައުމުތަކަށް، މުސްލިމުންނަށް، ހަދަން އިންދި އޮށުގައި ކުރިފަޅާ އެ ގަހުން އެމީހުން މޭވާ ބިންނަމުން ދާކަމުގެ މަންޒަރުތަކެވެ. ޔަހޫދީ ދައުލަތްތަކުގެ ވެރިންގެ ކުރިމަތީ މުސްލިމު ވެރިން/ލީޑަރުން/އިމާމުން ގައިދު ވެއްޖެ އެވެ. މިއަދު ގާޒާ އަކީ ފަލަސްތީނު ރައްޔިތުންގެ އުފާތަކާއި އުއްމީދުތަކާއި ގިލަންތަކުން ފުރާލާފައިވާ ޑައިރީ އެވެ. މިއީ، މުސްލިމް ވެރިން އެމީހުންގެ ލަގްޒަރީ ދިރިއުޅުން ހުޅަގަށް ނީލަމުގައި ވިއްކާލުމުގެ އާހިރު ނަތީޖާ އެވެ.

މިއަދު ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ވެސް އަދި މުޅި އިސްލާމީ އުއްމަތުގެ ދިފާއުގައި މުސްލިމުން އެއްވާން ވީ ތުރުކީ، އިރާން، އިރާގް، ޕާކިސްތާން، ބަހުރެއިން، ޔޫއޭއީ، މެލޭޝިއާ، ސީރިޔާ، ލީބިޔާ، އިންޑޮނޭޝިއާ، ގަތަރު، އަފްގާނިސްތާން، ކުވައިތު، ޖޯޑަން، މިސްރު އަދި ހާއްސަ ކޮސް ސައުދީ އަރަބިއްޔާ ވެރިންގެ ގަނޑުވަރު/ އެމްބަސީ ކުރިމައްޗަށެވެ. ސަބަބަކީ މުސްލިމް މި ގައުމުތަކާ އެކު އެމެރިކާ އާއި ޔަހޫދީ ދައުލަތްތަކުން ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގަމުން ގެންދާތީ އަރަބި ވެރިން އެ ތިއްބެވީ ވެރިކަމުގެ ދަހިވެތިކަމުގައި ވިޔަފާރި މަންފާ އަށް މުސްލިމުން ރަހުނު ކޮށްގެން ކަމަށް ވާތީ އެވެ.

ތެދެކެވެ. ކުރިއަށް ޖެހިލައި ހިތްވަރު ދައްކަން ޖެހޭ ތަނެއްގައި ދޫ ދީފި ނަމަ އެއީ ފިނޑި ކަމެވެ. އަދި މިންވަރަށް ވުރެ އިތުރަށް ހާސިލު ކުރަން މާބޮޑު ސަމާލުކަން ދިނުމަކީ ކޮންމެ ކަމެއް ވަރިހަމަ ވެ، ދަހިވެތިކަމާއި ބައްކުރުން ކަމުގައި ވެގެން ދެއެވެ. މިއަދު އަރަބި ވެރިންގެ "ވަރިހަމަ" ފަލްސަފާގެ މައްޗަށް ފަލަސްތީނުގައި ޔަހޫދީން ގަދަވެފައި ތިބިތަން ނިކަން ދެކޭށެވެ.

އަރަބިވެރިންގެ ޒިންމާ އަދާކޮށް، މުޅި އިސްލާމީ މުޖުތަމައުގެ ވަހުދަތު ހިމާޔަތްކޮށް ރައްކާތެރިކޮށްދީ، މިހާރަށް ވުރެ ޒިންމާދާރުވާން ޖެހެނީ މިހެންވެ އެވެ. މުސްލިމުންނަށް އޮތީ ހައިވާނުން ޖެހިފައިވާ ދަލުން ނެއްޓި، ދުއާ ގައި ތިބުމެވެ. اللَّهُ أَكْبَرُ اللَّهُ أَكْبَرُ لَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْد

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް