މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވާޖިން އެޓްލާންޓިކްއިން ލަންޑަނުގެ ހީތުރޯ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ދެމެދު ސީދާ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ކުރާނެ ކަމަށެވެ. ވާޖިން އެއާލައިންގެ ބޮއިން 787 މަރުކާގެ ފުރަތަމަ ބޯޑު ވީއައިއޭގައި މިއަދު ޖައްސާފައިވަނީ ހެނދުނު 7:40 ގައެވެ.
ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރު ކުރާ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓުގެ އިތުރުން އިކޮނޮމީ ކްލާސްގެ 192 ސީޓު ހުރެއެވެ. އަޕާ ކްލާސްގައި ދަތުރު ކުރާ ފަރާތްތަކަށް އޮށޯވެ އޮތުމަށް އެނދެއް ލިބޭއިރު، އޮންބޯޑް ބާއެއް އަދި އިށީނުމަށް ލަގްޒަރީ ގޮނޑިވެސް ލިބޭނެއެވެ.
އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ޝުޖާއު ވިދާޅުވެފައިވަނީ ވާޖިން އެއާލައިނާ އެކު އިނގިރޭސިވިލާތާއި ރާއްޖެ ގުޅާލެވި، ދެ ގައުމުގެ ދެމެދުގައި ދަތުރުކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށެވެ.
ބްރިޓިޝް ހައި ކޮމިޝަނާ ކެރޯން ރޮސްލާ ވިދާޅުވި ގޮތުގައި ރާއްޖެ އާ އެ ގައުމާ ދެމެދު ސީދާ ދަތުރުތައް ކުރާ އެއާލައިންތައް އިތުރު ކުރުމަކީ ދަތުރު ކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމުގައެވެ.
އިނގިރޭސިވިލާތަކީ އަހަރުގެ މިހާތަނަށް ހަތަރު ވަނައަށް އެންމެ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ގައުމެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން 115,300 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.