ads
އެފްއެސްއެމްގެ ލިޔެކިޔުންތައް ކޮންކްރީޓު މެޝިނަށް އަޅާ ތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލުމުން ގައުމީ އަރުޝީފުން ފުލުހަށް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިޔުންތަކެއް ނައްތާލަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް ގައުމީ އަރުޝީފުން ބުނެފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަނީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ބޮޑެތި ޖަމްބޯ ބޭގުތަކުގައި ހުރި ކަރުދާސްތަކެއް ކޮންކްރީޓު ގިރާ މެޝިނަކަށް އަޅައި އެ ތަކެތި ހަލާކުކުރާ ތަނެވެ. 

ގައުމީ އަރުޝީފުގެ ޑިރެކްޓަރު މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ވިދާޅުވީ މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓޭޓް މިނިސްޓަރު ތޯރިގާ މަޝްވަރާކޮށް އަށް ފަހު ނިމުނީ އެފްއެސްއެމްގެ ލިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅާ ނައްތާލުމުގެ މައްސަލަ ދިވެހި ފުލުހަށް ހުށަހަޅަން ކަމަށެވެ.

އާމިރު އިތުރަށް ވިދާޅުވީ އެފްއެސްއެމްއިން ލިޔެކިޔުންތައް ނައްތާލާފައި ވަނީ އެ އިދާރާއަށް އެއްވެސް ގޮތަކަށް އެންގުމެއް ނެތި ކަމަށެވެ.

"މިނިސްޓަރާ ވެސް މަޝްވަރާ ކުރުމަށް ފަހު އެ މައްސަލަ އަޅުގަނޑުމެން ފުލުހަށް ހުށަހަޅަން ނިންމީ،" ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ގައުމީ އަރުޝީފު ވެރިޔާ އާމިރު ވިދާޅުވެފައިވެ އެވެ.

އެ ވީޑީއޯގެ މަންޒަރުތައް ފެންނަ ފޮޓޯތަކަކާ އެކު ހެރިޖޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަންކޮށްފައި ވަނީ އަރުޝީފުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

"ދައުލަތުގެ އެއްވެސް ލިޔުމެއް ގާނޫނާ ހިލާފަށް ނައްތާލުމުގެ ޖާގަ ދެވިގެން ނުވާނެ،" އޭނާގެ ޓްވީޓުގައި ލިއުއްވާފައި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތައިލި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ފުލުހަށް ރިޕޯޓްކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާއެކު ވީޑިއޯ ޕޯސްޓު ކުރި ފަރާތުން ބުނެފައިވަނީ، ވީޑިއޯ އާންމު ކުރީ، ލިޔުންތައް ނައްތާލި ގޮތާއިމެދު ޝައްކު އުފެދި، އެކަމުގައި ގޯސްކަމެއް ހުރިކަން ތުހުމަތު ކުރެވޭތީ ކަމަށެވެ.

މިކަމާއި ގުޅިގެން އެފްއެސްއެމް އިން ބުނެފައިވަނީ ނައްތާލާފައިވަނީ ބޭނުން ނުހިފޭ ލިޔެކިޔުންތަކެއް ކަަމަށެވެ.

މީގެ ކުރިން، އިންތިގާލީ މަރުޙަލާގައި ލިޔެކިޔުންތައް ނައްތާނުލުމަށް، އިންތިޚާބީ ރައީސްގެ އޮފީހުންނާއި، ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ހިިއްސާވާ ކުންފުނިތަކަށާއި، ދައުލަތުގެ ކުންފުނިތަކަށް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް