ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރައްވަން ނިންމަވާފައިވާކަން ޖޭއެސްސީން ހާމަކުރީ މިއަދު އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ މަގާމުން އިސްތިއުފާ ދެއްވީއްސުރެ މިވީ އަހަރެއްހާ ދުވަހު، ހައިކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވީވެސް ޝަހީދު އެވެ.
ފަނޑިޔާރު ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުގެ ރޮގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ފަނޑިޔާރު އަލްއުސްތާޒު ހުސެއިން ޝަހީދު ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ.
ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. 18 ނޮވެންބަރު 2022ން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ފަނޑިޔާރު ޝަހީދުއާ އެވެ.