ޅ. އަތޮޅުގައި މިހާރުވެސް ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހުޅުވި މި ރިސޯޓަކީ 290 ކޮޓަރީގެ ރިސޯޓެކެވެ.
ޖާވަކަރައަކީ އެ އަތޮޅުގައި އޮންނަ މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 40 މިނެޓުން ދެވޭ ސަރަހައްދެއްގައި އޮންނަ ރިސޯޓެކެވެ. މި ރިސޯޓަށް ސީޕްލޭންގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރައިގެން 35 މިނެޓުން ދެވޭނެ އެވެ.
ފަސްތަރީގެ މި ރިސޯޓު ތަރައްގީކޮށްފައިވަނީ މާބިން ހުރާ އަދި ދެ ރުއްފިނޮޅު، ދިގު ފާލަމަކުން ގުޅާލައިގެންނެވެ. މާބިން ހުރާގައި 202 ކޮޓަރި ހުންނައިރު ދެ ރުއްފިނޮޅުގައި 88 ކޮޓަރި ހުރެއެވެ. އެއީ 110 ބީޗް ވިލާ އާއި 90 ބީޗް ޕޫލް ވިލާ އަދި 70 ވޯޓާ ޕޫލް ވިލާ އެވެ. އޭގެ ތެރެއިން މާބިން ހުރާގައި ހުންނަ 10 ދެ ބެޑްރޫމް ވިލާއަކީ ގިނަ މީހުން ހިމެނޭ އާއިލާތަކަށާއި ގްރޫޕްތަކަށް ހާއްސަކޮށް ޓްވިން ނުވަތަ ޓްރިޕަލް ރޫމަށް ބަދަލުކުރެވޭ ގޮތަށް ހަދާފައިވާ ވިލާތަކެކެވެ.
މި ރިސޯޓުގައި ދެ ސްޕާ އާއި ހަތަރު ބާ ގެ އިތުރުން ހަތަރު ރެސްޓޯރެންޓް ހުންނާނެ އެވެ. އަދި ދެ އިންފިނިޓީ ޕޫލާއި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއް ހުރެ އެވެ. އޭގެ އިތުރުން ސާފް ސްކޫލަކާއި ވޯޓާ ސްޕޯޓްސްގެ ތަފާތު ކުޅިވަރުތަކުގެ އިންތިޒާމްތައްވެސް ޖާވަރަކައިގައި ހަމަޖެހިފައި ހުންނާނެ އެވެ.
ޖާވަރަކައިގެ ޖެނެރަލް މެނޭޖަރު ވިދާޅުވެފައިވާ ގޮތުގައި އެ ރިސޯޓު ފަރުމާކޮށްފައިވަނީ ކޮންމެ އާއިލާއެއްގެވެސް 'ޑްރީމް ލަގްޒަރީ ޗުއްޓީ' ހޭދަކުރެވޭނެ ގޮތަށް ކަމަށާއި ކޮންމެ އުމުރުފުރައެއްގެ ފަތުރުވެރިންނަށްވެސް ކަމުދާނެ ހަރަކާތްތަކާއި ރަހަތައް އެ ރިސޯޓުން ލިބެން ހުންނާނެ ހުންނާނެ ކަމުގަ އެވެ.
މިއީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ޅ. އަތޮޅުގައި ހުޅުވި ހަވަނަ ރިސޯޓެވެ.