އެ އޮފީސް އުވާލަން ނިންމައިފައިވަނީ އައު ސަރުކާރުން އެ އޮފީސް ކުރިއަށް ގެންދާން ބޭނުން ނުވާތީއެވެ.
އަންނަ 2024 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެ އޮފީހަށް ބަޖެޓު ކަނޑައެއް ނާޅައެވެ.
އޮފީސް އުވާލަން ނިންމިއިރު ނުނިމޭ 100 އަށްވުރެ ގިނަ މައްސަަލަ އެބައޮތެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.
އެކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމާ ބެހޭ މައްސަލައާއި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ވައްޓާލުމަށް ފަހު އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ ވެސް ބެލުމަށް މަސައްކަތްކުރިއެވެ.
މި ކޮމިޝަނުގެ ދައުރު މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހަމަވުމުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ އިތުރުވެސް ކުރައްވައިފައެވެ.