ޔުޓިލިޓީ ހިދުމަތްތައް ދެމުން އަންނަ ސަރުކާރުގެ ހަތަރު ކުންފުނި ކަމަށްވާ ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ވެމްކޯގެ މާލީ އަދި ދަރަނީގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ފިރުޒުލް ވިދާޅުވީ ޔުޓިލިޓީ ނިޒާމުގެ އޮނިގަނޑު ބަދަލު ކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ. އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވެފައިވަނީ ހިދުމަތުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް އެއްވެސް ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ އިތުރުން ކުންފުނިތަކަށް ލިބޭ އާމްދަނީން މެނޭޖް ކުރެވޭނެ ތަންތަނަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ މާލީ އަދި އިދާރީ އެޑްމިނިސްޓްރޭޝަން ރަނގަޅު ކުރެވިއްޖެނަމަ، ކުންފުނިތަކުގެ ހާލަތަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމުގަ އެވެ. އެގޮތުން އެކި ކަންކަމުގައި ކުންފުނިތަކުން ގެންގުޅޭ ހަމަތައް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ގެންނާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާންމު ކުދި ވިޔަފާރިތަކަށް އަދާކުރަން ޖެހޭ ފައިސާ ގިނަ ކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ އެ ފައިސާ ވީ އެންމެ އަވަހަކަށް އަދާކުރާނެ ކަމަށެވެ.
ކުންފުނިތަކުގެ ދަރަނި ހުރި މިންވަރު:
- ފެނަކަ: 4.1 ބިލިއަން ރުފިޔާ
- ސްޓެލްކޯ: 3.7 ބިލިއަން ރުފިޔާ
- އެމްޑަބްލިއުއެސްސީ: 1.4 ބިލިއަން ރުފިޔާ
- ވެމްކޯ: 226 މިލިއަން ރުފިޔާ
ކުންފުނިތަކުން ހިންގަމުން އަންނަ މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް އިސްކަންދޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް މުއްދަތަށް ނުނިމި ދިގުލައިގެން ދިއުމަކީ މަޝްރޫއުތަކުގެ އަގު އިތުރުވެ، އޭގެ ބުރަ ކުންފުނިތަކުން އުފުލަން ޖެހޭ ކަމެއް ކަމުގަ އެވެ.
ފިރުޒުލް ވިދާޅުވެފައިވަނީ ކުންފުނިތަކަށް ބޭނުންވާ މިންވަރަށް އިތުރަށް މުވައްޒަފުން ނަގާފައިވުމަކީ ކުންފުނިތަކުގައި އޮތް ބޮޑު މައްސަލައެއް ނަަމަވެސް، މުވައްޒަފުން ވަކި ކުރުމަކީ މުއިއްޒު ގެންގުޅުއްވާނެ އުސޫލެއް ނޫން ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ނިންމާފައިވަނީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ކުންފުނިތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ހަދައިގެން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.