ads
ފިލްމީތަރި އާސިމް
މަޝްހޫރު ފިލްމީ ތަރި އާސިމް ޑިމޮކްރެޓްސްގެ ރ އަތޮޅު ރައީސްކަމަށް ނުކުންނަނީ
ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަހުމަދު އާސިމް ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި، ރ އަތޮޅުގެ ރައީސްކަމަށް ކުރިމަތިލާން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ރ. ރަސްގެތީމަށް ނިސްބަތްވާ އަހުމަދު އާސިމް އަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް މީހެކެވެ. 

ރައީސް ނަޝީދާއެކު އޭނާ ވަނީ އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައިވެސް ބައިވެރިވެފައެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެމްޑީޕީން ކުރި މުޒާހަރާތަކުގެ އިސް ސަފުންވެސް އާސިމް ފެނުނެވެ. އަދި އޭރު ފުލުހުން އާސިމް ހައްޔަރުކޮށް ވަރަށް ބޮޑެތި އަނިޔާތަކެއްވެސް އާސިމް އަށްކުރިއެވެ. 

ރައީސް ނަޝީދުގެ ސަޕޯޓަރުން ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމާއެކު، އާސިމް ވަނީ އެ ޕާޓީއަށް އެންމެ ފުރަތަމަ ގުޅުނު މެންބަރުންގެ ތެރޭގައި ގުޅިފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭރު އިލްޔާސް ލަބީބްގެ ކެމްޕޭނު ޓީމުގައިވެސް އާސިމް އިސްކޮށް ހަރަކާތްތެރިވިއެވެ.

"އަތޮޅުގެ ހުރިހާ ޑިމޮކްރެޓުންނާއި އިސްލާހީ މަސައްކަތަށް ލޯބި ކުރައްވާ އަތޮޅުގެ އެންމެހާ ރައްޔިތުންނާއި މި ޕާޓީގައި އަޅުގަނޑާއެކު މަސައްކަތްކުރައްވާ އެންމެހާ އެކުވރިންގެ އެއްބާރުލުމާ އެހީތެރިކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އާސިމް އެކްސް ގައި ބުނެފައިވެއެވެ.

 

އާސިމް އަކީ ހުނަރުވެރި އެކްޓަރެއްގެ އިތުރުން، މޮޅު ޑައިރެކްޓަރެއް އަދި އެޑިޓަރެކެވެ. މިގޮތުން އާސިމް އެންމެ ފަހުން ކުޅުނު ފާހަގަކޮށްލެވޭ ސީރީޒް އަކީ މޫނިން ފުވާދުގެ "ގަމިނި" އެވެ. އޭގެ ފަހުން އޭނާ ވަނީ ބައިސްކޯފަށް "ވިހާލި" ކިޔާ ސީރީޒްއެއް ޑައިރެކްޓުކޮށްފައެވެ. އެ ސީރީޒްގެ ސްކްރިޕްޓުގެ ގިނަ އެޕިސޯޑުތަކެއްވެސް ލިޔުނީ އާސިމްއެވެ.

ސީއެންއެމްއާ ވާހަކަ ދައްކަމުން އާސިމް ބުނީ އޭނާ އަބަދުވެސް އިސްލާހީ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އޭނާގެ ސަޕޯޓަރުންނާއި ފޭނުންނަށް ދޭކަމަށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް