ބްރޯޑްކޮމުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ކޮމިޝަނުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ މުހިންމު ބައިތައް ފާހަގަކޮށްފަ އެވެ.
ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އެއް އިސްލާހަކީ އަމިއްލަ ބޭނުން ފިޔަވައި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ނެގުން ގަވާއިދުގެ ދަށުން ލާޒިމު ކުރުމެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައްޔާއި ސިޓީ، ހޮޓާ، ރެސްޓޯރެންޓް އަދި ރިސޯޓުތަކުގައި، އެއާޓެލް، ޑިޝްޓީވީ ނުވަތަ އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ނެތި ހިދުމަތް ދެމުން ދިއުމާއި އެ ހިދުމަތް ވިޔަފާރި އުސޫލުން ލިބިގަންނަ ފަރާތްތަކުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ލައިސަންސް ނަގައިގެން، ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ހޯދައިގެން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމާ އެކު، ޗެނަލް ރައިޓްސް ނެތި ވިޔަފާރި އުސޫލުން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން ހުއްޓުވާނެ ކަމަށް އިސްލާހުގައި ވެ އެވެ.
ބްރޯޑްކޮމުން ގަވާއިދަށް ގެނައި އަނެއް އިސްލާހަކީ މުއްދަތު ހަމަވާން 90 ދުވަސް ކުރިން ލައިސަންސް އާކުރުމަށް ހުށަހެޅުން ލާޒިމްކޮށް، އެ މުއްދަތުގެ ފަހުން ލައިސަންސް އާކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނަ ގޮތަށް ނިންމުމެވެ. އެ ކޮމިޝަނުން ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އާކުރުމާ މެދު ގޮތެއް ނިންމުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން ޗެނަލް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ޖޫރިމަނާކުރެވެނީ ހަމައެކަނި ލައިސަންސް ނަގައިގެން ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުންނެވެ. އެހެންނަމަވެސް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ލައިސަންސް ނެތް ފަރާތަކުންވެސް ޗެނަލެއް ދެއްކުމުގެ ރައިޓްސް އޮތްކަން ސާބިތު ކޮށްނުދެވިއްޖެނަމަ، އެފަރާތަކުން ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުން އަދި ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުން މި ދެ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބްރޯޑްކޮމުން ބުނެ އެވެ.
އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރުމުގައި ކޮންމެ އަހަރަކަށް ވަކިން ޖޫރިމަނާ ކުރުމަށާއި ލައިސަންސްގެ މުއްދަތު ހަމަވުމުން ޖޫރިމަނާ އިތުރު ނުވާގޮތް ހެދުމަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.