ads
ޖޭއެސްސީ
ނޮޅިވަންފަރު އިސްމެޖިސްޓްރޭޓަށް ތަމްރީނެއް ފުރިހަމަކުރަން އަންގަނީ
ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އަހްމަދާމެދަށް ސުލޫކީ ފިޔަވަޅެއްގެ ގޮތުން ތަމްރީނެއް ފުރިހަމަކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގަން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ހދ.ނޮޅިވަރަންފަރު އަދި ހދ.ނޮޅިވަރަން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން ތަޙުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ. 

މި މައްސަލަތައް ޝެޑިއުލްކޮށް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭކަމަށް ސާބިތުވެފައިވާތީ މެޖިސްޓްރޭޓް އަލީ އަހްމަދުގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. 

"ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 32-1 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ކަމާގުޅޭ ތަމްރީނެއް ފުރިހަމަކުރުމަށް އެންގުމަށް 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާގައި ވަނީ ނިންމާފަ،" ކަމަށް މިއަދު ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން މިއަދު ޖޭއެސްސީން މިއަދު ވަނީ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑުވެސް ކޮށްފައެވެ. 

ޖޭއެސްސީން، ކޮނޑޭ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑް ކުރީ ދެ ހަފްތާއަށެވެ. މި ދެ ހަފްތާގައި މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމަށް މުސާރައެއް ނުލިބޭނެއެވެ.

ޖޭއެސްސީން ބުނީ، މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އިހުމާލުވެފައިވާކަމަށާއި، އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން ކޮމިޝަންގެ ތަޚްޤީޤަށް ސާބިތުވެފައިވާތީ ކަމަށެވެ.

އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ޖޭއެސްސީން މިއަދު ބުންޏެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް