ads
އިފުރު އައިލެންޑް ރިސޯޓު: ފަތުރުވެރިންނަށް ސްކައިޑައިވިންގެ ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައި - ފޮޓޯ:އިފުރު އައިލެންޑް ރިސޯޓު
އިފުރު ރިސޯޓުގައި ފަތުރުވެރިންނަށް ސްކައިޑައިވިންގެ ހިދުމަތް ފަށަނީ
ރ. އިފުރުގައި ތަރައްގީކޮށްފައިވާ އިފުރު އައިލެންޑް ރިސޯޓުގައި ފަތުރުވެރިންނަށް ސްކައިޑައިވިންގެ ހިދުމަތް ފެށުމަށް އެ ރިސޯޓުން ތައްޔާރުވެއްޖެ އެވެ.

ސްކައިޑައިވިންގެ ހިދުމަތް އެ ރިސޯޓުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މި ހިދުމަތް ދިނުމަށް ރާއްޖޭގެ ރިސޯޓަކުން މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވި އިފުރު ރިސޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު ސްކައިޑައިވިންއަށް ހާއްސަ ހުރިހާ އާލާތްތަކެއް ހިމެނޭ ބޯޓެއް ގެނެސްފަ އެވެ. އިނގިރޭސިވިލާތުން ގެނައި އެ ބޯޓަކީ ސެސްނާ 208 ބީ މަރުކާގެ ބޯޓެކެވެ.

އިނގިރޭސިވިލާތުގެ އެލީޓް އިންޑޯ ސްކައިޑައިވިން ކުންފުނި، އައިފްލަން ލަންޑަނާ ގުޅިގެން އިފުރު އައިލެންޑް ރިސޯޓުގައި ސްކައިޑައިވިންގެ ހިދުމަތް ދިނުމަށް ނިންމާފައިވާއިރު އެ ހަރަކާތްތައް ކުރިއަށް ގެންދާނީ މި ދާއިރާއިން 20 އަހަރުގެ ތަޖުރިބާ ހުރި އެގައުމުގެ ރައްޔިތެއް ކަމަށްވާ ވިލް ޕެނީއާގެ ބެލުމުގެ ދަށުންނެވެ.

ސްކައިޑައިވިންގެ ހިދުމަތް ތައާރަފުކޮށް އެ ރިސޯޓުން މި މަހުން ފެށިގެން އަންނަ މާޗް މަހާ ހަމައަށް ފަތުރުވެރިންނަށް މުޅިން ހިލޭ ހިދުމަތް ލިބޭނެ އެވެ.

އިފުރުގައި ހެދި 147 ވިލާގެ މި ލަގްޒަރީ ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާ ކުރެވޭ ހަ ރެސްޓޯރެންޓް ހުންނައިރު، ހަތަރު ބާ އާއި ސްކައިޑައިވިން ޑްރޮޕްޒޯނެއް ހިމެނެ އެވެ. އޭގެ އިތުރުން ފަތުރުވެރިންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮ ކަމަށް ބޭނުންވާ ގިނަ ވަސީލަތްތައް އެ ރިސޯޓު ވަނީ ގާއިމުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް