މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ތެރެއިން، އާރަށާއި ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ޤަބޫލުކުރައްވައި އެ ފައިސާ ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގގެ ދައުވާ އުފުލާފަ އެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ މައްސަލައިގެ އަޑުއެހުން އަންނަ ހަފުތާއަށް (ސެޕްޓެމްބަރ 23) ވަނީ ތާވަލްކޮށްފަ އެވެ. މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑަރ ކުރެއްވި ކަމަށް ބުނާ މި މައްސަލައިގައި، މިހާރު ކޯޓުގައި ކުރިއަށްދަނީ ހުށަހަޅާފައިވާ ހެކިތަކާ ބެހޭގޮތުން ވާހަކަދެއްކުމާއި، ޝަރީޢަތުގެ ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާ އެވެ.
އަދި ވ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި 11 އަހަރުގެ ޖަލު ޙުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.
މި މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުންވެސް ނިންމާފައިވަނީ އެ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމަށްފަހު، ކްރިމިނަލް ކޯޓުގައި އާރަށު މައްސަލައިގެ އަޑުއެހުން މިހާރު ތާވަލްކޮށްފައިވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.
މި ދެ މައްސަލައިގެ އަޑުއެހުންތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށަން ތާވަލްކޮށްފައިވާއިރު، މިއީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޝަރީއަތެވެ.